24 ޖޫން 2019 - 21:51

އުރީދޫ ކަލަ ރަންގެ އެކްސްޕޯ މާދަމާ ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދެ ދުވަހުގެ މުއްދަތަށް މި އެކްސްޕޯ އޮންނާނީ، ކަލަ ރަން ބާއްވާ އައްޑޫގަ އެވެ.
މިއަހަރު އަލަށް އައްޑޫގައި ބާއްވާ ކަލަ ރަން އަށް ރަޖިސްޓާ ވެފައިވާ ހުރިހާ ދުވުންތެރިންނަށް، މި އެކްސްޕޯއިން ކަލަ ރަންގެ ކިޓުތައް ގަނެވޭނެ އެވެ. އައިޑީ ކާޑާއި ރަޖިސްޓްރީ ކުރި ކަމުގެ ރަސީދުގެ ޕްރިންޓް ނުވަތަ ޑިޖިޓަލް ކޮޕީއެއް ގެންދިއުމުން ކިޓް ލިބޭނެ އެވެ. އައިޑީ ކާޑުގެ ބަދަލުގައި، އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
މި އެކްސްޕޯގައި މާދަން ހަރަކާތްތައް އޮންނާނީ އީކުއޭޓާ ވިލެޖްގެ ބްލޫ ލެގޫންގައި މެންދުރު 2:00 އިން ހަވީރު 6:00 އަށް ކުރިއަށްދާ އިރު ރޭގަނޑު އޮންނާނީ 8.00 އިން 10.00 އަށެވެ.
ބުދަ ދުވަހު އެކްސްޕޯގެ ހަރަކާތްތައް ކުރިއަށްދާނީ ހިތަދޫ ޔޫތު ސެންޓަރުގައި، ހެނދުނު 10.00 އިން ހަވީރު 6.00 އަށް އަދި ރޭގަނޑު 8.00 އިން 10.00 އަށެވެ.
ތަފާތު ހަރަކާތްތައް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަންގެ ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރާނެ އެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ އާއި ޖޮގްކޮށްފައި ނުވަތަ ދުވެފައި ނިންމިދާނެ އެވެ. އުރީދޫ ކަލަ ރަން އައްޑޫގައި އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4.00 އިން 6.00 އަށެވެ. އެދުވަހު ހެނދުނު ގުޑި މަހާސަމާ ނަމުގައި މަޑި އެރުުމުގެ ހަރަކާތެއް އޮންނާނެ އެވެ. ކުޑަކުދިންނަށް ހާއްސަކޮށް އޮންނަ މި ހަރަކާތުގައި މަޑި ހަދަން ދަސްކޮށްދިނުން އޮންނާނެ އެވެ. އަދި އެތަނުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހާއްސަ ސްޓޯލެއް ވެސް ހުންނާނެ އެވެ.
ކަލަ ރަން އަށް ފަހު ހޮނިހިރު ދުވަހު އުރީދޫއިން "ޓްވިޓްސާފު"ންނާ ގުޅިގެން އައްޑޫ ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށްގެންދަން ހަމަޖެހިފައިވެ އެވެ.