24 ޖޫން 2019 - 21:21

ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު ފެށުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން އެގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތައް ހަމަވޭތޯ ބެލުމަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ހުށަހަޅާފައި ހުށަހެޅުމާ ގުޅިގެންނެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގަވާއިދެއް ކުރިން ވެސް އެ ކޮމިޝަނުން ފާސް ކޮށްފައިވާނެ ކަމަށާއި އެ އުސޫލާ އެއްގޮތަށް އެކަން ކުރަން ނިންމައި، އެ މަސައްކަތް އަވަހަށް ފަށަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުވާނެ ގޮތަށް އެކަން ކުރާނެ ކަން މަޖިލީހަށް އަންގަން ނިންމާފައިވާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.
"އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކަމަށް ވިޔަސް އަދި ދަށު ކޯޓެއްގެ ފަނޑިޔާރެއް ކަމުގައި ވިޔަސް އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް އެ ގަވާއިދުގެ ދަށުން ފަނޑިޔާރުންގެ ގާބިލްކަން ވަޒަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ." ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމަކީ ރާއްޖޭގައި އަލަށް ފެށޭ މަސައްކަތެއް ކަމަށްވާތީ ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީ ހޯދަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަތުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ޖޭއެސްސީގެ ބާރުތަކަށް އަރައިގަނެފައިވޭތޯ ބަލައި ދިނުމަށް މަޖިލީހުން ޖޭއެސްސީގައި އެދިފައިވާތީ އެކަމުގައި ދިރާސާއެއް ހެދުމަށް ވެސް މިިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. އަދި ޖޭއެސްސީ ނޫނަސް ދައުލަތުގެ އެހެން މުއައްސަސާއެއްގެ ބާރު ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ އެ ދިރާސާގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމަކީ ވެސް ވަރަށް އަވަހަށް ކުރަންޖެހޭ ކަމަކަށް ވާތީ ވީހާ ވެސް އަވަހަށް ކޮށް ނިންމުމަށް ކޮމިޝަނުން ވަނީ ނިންމާފައި." ޒަހީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަން މަޖިލީހުން އެދިފައިވާތީ، އެހެން މައްސަލަތަކެކޭ ވެސް އެއް އުސޫލަކުން އަދި އިޖްރާއާތުތަކާ އެއްގޮތަށް އެ މައްސަލަތައް ބަލާނެ ކަން މަޖިލީހަށް އަންގަން ކޮމިޝަނުން ނިންމާފައިވާ ޒަހީން ވިދާޅުވި އެވެ.