24 ޖޫން 2019 - 21:01

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމުގެ ތުހުމަތުގައި ސަސްޕެންޑްކުރި އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ ސަސްޕެންޝަން ތިން އަހަރު ފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އުވާލަން ނިންމައިފި އެވެ.
މެޖިސްޓްރޭޓް ނިހާން ސަސްޕެންޑް ކުރަން ޖޭއެސްސީން ފެބްރުއަރީ، 2016 ގައި ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކ. މާފުށީ ކޯޓުގެ ނަމުގައި ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމުންނެވެ. އެ މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، ނިހާން 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިޔަސް، ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ނިހާންގެ ސަސްޕެންޝަން އުވާލަން މިއަދު އެ ކޮމިޝަނުން ނިންމީ ނިހާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ނުކުރަން ނިންމާފައިވާތީ ކަމަށެވެ. އެކަމަކު ސަސްޕެންޝަން އުވާލިޔަސް، އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ އެ ކޮމިޝަނުން ބަލާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.
"އޭގެ މާނައެއް ނޫން ނިހާންއާ ބެހޭގޮތުން ކޮމިޝަނުން ތަހުގީގުކުރާ މައްސަލަ ނިމުނީއެކޭ. އެ މައްސަލަ ތަހުގީގު ކުރަމުން އެބަދޭ ސުލޫކީ މައްސަލައެއްގެ ގޮތުގައި. އެކަމާ ބެހޭގޮތުން ކޮމެޓީން އިރާދަކުރެއްވިއްޔާ ގޮތެއް ނިންމައި، މި ކޮމިޝަނަށް ގެނެސް ގޮތެއް ނިންމާ ހިނދަކު އަޅުގަނޑުމެން ތިބޭފުޅުންނާ ހިއްސާ ކުރަމުން ގެންދާނަން." ޒަހީން ވިދާޅުވި އެވެ.
ނިހާންގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް އެ މައްސަލާގައި 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެކަމަކު އޭނާގެ ހުކުމް ވެސް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.