24 ޖޫން 2019 - 21:25

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން އިޖުތިމާއީ ފައިދާއަށް ހަރަކާތްތައް ހިންގަނީ ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި ޒިޔަތު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސީއެސްއާރަށް ހަރަދު ކުރެވޭނެ މިންވަރު ސާފުވާން ޖެހޭ ކަމަށެވެ.
"އާންމުގޮތެއްގައި ޕޮލިޓިކަލް ކޯޒް އަކަށް ސީއެސްއާރް ހަރަކާތްތައް ހިންގެނީ. އެކަން އެބަޖެހޭ ހުއްޓެން. އޭގެ ބަދަލުގައި އެބޭފުޅުންގެ މެއިން ބިޒްނަސްއަށް އެހީތެރިވާނެ ސޯޝަލް ހަރަކާތެއް ހިންގުން،" އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިފަދަ ކުންފުނިތަކުން ސީއެސްއާރްގެ ނަމުގައި ބޮޑެތި ހަރަދުތައް ހިންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކުންފުނިތަކަށް ލިބޭ ނަފާ ސާފުކޮށް އެނގޭނެ މޮޑެލް އަކަށް މިހާރު ހުރި، ސަރުކާރު ހިއްސާވާ ކުންފުނިތައް ބަދަލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުންފުނިތަކަކީ ޓާޖެޓްތަކެއް ކަނޑައެޅިގެން ސަރުކާރު ބަޖެޓަށް ބަރޯސާ ނުވެ ހިންގަން ޖެހޭ ކުންފުނިތަކަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ކުރާ ހަރަދުތަކަކީ ވެސް އުސޫލެއްގެ ތެރެއިން ހިންގަންޖެހޭ ހަރަދުތަކަށް ހެދުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ޒިޔަތު ވިދާޅުވީ، ބޯޑުގެ މެންބަރު ހިމެނޭ އިންޓާނަލް އޮޑިޓް ޓީމެއް މުހިއްމު ކަމަށެވެ.
"އެކްސްޓާނަލް އޮޑިޓް މި ވަންނަނީ ކަން ނިމޭ ފަހުން. އެކަމަކު އިންޓާނަލް އޮޑިޓަށް ބާރު ދީފި ނަމަ ކަމެއް ގޯސްކޮށް ކުރުމުގެ ކުރިން އެކަން ހުއްޓުވޭނެ،" އޭނާ ވިދާޅުވި އެވެ.
ބޯޑު ލެވެލްގައި އިންޓާނަލް އޮޑިޓް ޓީމް މަސައްކަތް ކުރާ ނަމަ އެޓީމުން މައުލޫމާތުތައް ހިއްސާ ކުރަންޖެހޭނީ ކުންފުނި ހިންގާ މެނޭޖިން ޑިރެކްޓަރަށް ނޫން ކަމަށާއި އޭރުން މައުލޫމާތު ހިއްސާ ކުރާނީ ޗެއާމަނަށް ކަމަށް އޭނާ ވިދާޅުވި އެެވެ. މިއާ އެކު ކުންފުނީގެ ބޯޑަށް ކުންފުނިން ކުރާ ކަންކަން ބަލައި މެނޭޖިން ޑިރެކްޓަރު ޒިންމާދާރު ކުރެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރު ހިއްސާވާ 30 ވުރެ ގިނަ ކުންފުނި ހިމެނޭ އިރު އޭގެތެރެއިން ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ.