24 ޖޫން 2019 - 20:05

ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެ ދަ ގްރާންޑޭ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ނުވަ ޕޮއިންޓާ އެކު އެ ޓީމު އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. ވިކްޓްރީ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
މިއަދުގެ މެޗުގެ 10 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ އަހުމަދު ނިޒާމް (ނިޒާމްބެ) ވަނީ ލީޑު ނަގައިފަ އެވެ. މިއީ ވިކްޓްރީގެ ގޯލްކީޕަރު އަހުމަދު ހުސްނީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގަ އެވެ. ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ޖެހީ ބިދޭސީ ފޯވާޑް އޮބައިޑާ ކަދޫމެވެ. ފަހު ގޯލަކީ 90 ވަނަ މިނެޓުގައި ވިކްޓްރީގެ ހުސެއިން ޝިހުބާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު މައްސަލައަކީ ގޭމް ސްލޯވުން ކަމަށެވެ. އޭގެ އެއް ސަބަބަކީ ހޫނުގަދަވުންކަން އޭނާ ފާހަގަކުރި އެވެ.
"ކޮންމެ ގޮތެއް ވިޔަސް މޮޅުވުމަކީ ހިތްހަމަޖެހުމެއް. ޖެހިޖެހިގެން ތިން މެޗުން މޮޅުވުމަކީ ބޮޑެތި ޓީމުތަކާ ވާދަކުރަންވާއިރަށް ލިބޭނެ ހިތްވަރެއް،" އިންމަ ބުންޏެވެ.
ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ މިއީ އެ ޓީމުގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނުނު މެޗު ކަމަށާއި ޑިފެންސުން ހެދި ގޯސްތަކަކީ ބަލައިގަންނަން އުނދަގޫ ގޯސްތަކެއް ކަމަށެވެ. އަދި ޓީމުގައި އަނިޔާގެ މައްސަލަތައް އުޅޭކަން ވެސް އޭނާ ފާހަގަކުރި އެވެ.