ދާއިރާތަކުގެ އިންތިހާބަށް އާބާދީ ގުނާނެ މުއްދަތު ކަނޑައަޅައިފި
ދާއިރާތަކުގެ އިންތިހާބަށް އާބާދީ ގުނާނެ މުއްދަތު ކަނޑައަޅައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދާރީ ދާއިރާތަކުން އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީ ގުނާނެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އަންނަ އަހަރު މާޗު ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި ބާއްވާ އިންތިހާބަށް ބޭނުންވާ އާބާދީ ކަނޑައަޅާނީ އަންނަ ޖުލައި 1 އިން ޑިސެމްބަރު 31ގެ ނިޔަލަށެވެ.

އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގައި ތިބޭނެ ކައުންސިލަރުންގެ އަދަދު ކަނޑައަޅަނީ އާބާދީއަށް ބަލައިގެންނެވެ. އަދި ސިޓީއެއްގެ ދަރަޖަ ރަށަކަށް ވެސް ދެނީ އެ ރަށެއްގައި މީހުން ދިރިއުޅޭ އަދަދަށް ބަލައިގެންނެވެ. އެހެންވެ، އިލެކްޝަންސް އިން ކަނޑައެޅި މި މުއްދަތުގެ ތެރޭގައި ރަށުގެ އާބާދީއަށް އަންނަ ބަދަލުން ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު އިތުރުވެ، ނުވަތަ އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ވެސް ލިބިދާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވިގޮތުގައި ރަށްރަށުގެ އާބާދީއަށް ބަދަލެއް އައިސް، މެމްބަރުންގެ އަދަދަށް ބަދަލު އައުން އެކަށީގެންވެ އެވެ.

"ހަމަ އެހެންމެ، ގދ. ތިނަދު އާއި ހދ. ކުޅުދުއްފުށި ފަދަ އާބާދީ ރަށްތަކަށް ބަދަލު އަތުވެދާނެ. ކަނޑައެޅި މުއްދަތުގެ ތެރޭގައި އެ ރަށްރަށުގެ އާބާދީ 10،000އަށް އަރައިފި ނަމަ އެތަންތަން ސިޓީއަކަށް ބަދަލުވާނެ،" އަކްރަމް ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ރަށުގެ އާބާދީ 3،000އަށް ވުރެ ބޮޑު ނުވާނަމަ އެ ރަށެއްގައި ތިބެން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި އެ އަށްވުރެ ބޮޑު ވެއްޖެ ނަމަ ފަސް ކައުންސިލަރުން ތިބެން ޖެހެ އެވެ.