24 ޖޫން 2019 - 15:54

ރާއްޖޭން ބޭރުން ކިޔަވަން ދޫކުރާ ލޯނަށް ކުރިމަތިލުމަށް ދެ ވަނަ ފަހަރަކަށް ހުޅުވާލުމުން ވެސް 900 އަށް ވުރެ ގިނަ ދަރިވަރުން ހުށަހެޅި ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހު "މިހާރު" އަށް ވިދާޅުވީ ލޯނަށް ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު 1:30 އާ ހަމައަށް ހަމަވި އިރު، 900 އަށް ވުރެ ގިނަ ދަރިވަރުން ހުށަހެޅި ކަމަށެވެ. އަދި އެ ދަރިވަރުންނަށް ވީހާ ވެސް އަވަހަކަށް ލޯނު ދިނުމުގެ ކަންތައް ހަމަޖައްސަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މާޗު މަހު އެ މިނިސްޓްރީން ލޯނުގެ 242 ޖާގަ އަށް ހުޅުވާލި އިރު ވެސް 900 އަށް ވުރެ ގިނަ ދަރިވަރުން ހުށަހެޅި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ގިނަ ދަރިވަރުން ޑިސްކޮލިފައިވުމުގެ ސަބަބުން ލޯނު ކަށަވަރުވީ އެންމެ 79 ދަރިވަރަކަށެވެ. އެހެންވެ ބާކީ 163 ޖާގަ އަށް ހުށަހަޅަން ދެ ވަނަ ފަހަރަށް ހުޅުވާލީ ލޯނަށް ހުށަހެޅުމާ ގުޅޭ ގޮތުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ޒަބީހު ވިދާޅުވީ ލޯނަށް ހުށަހަޅަން ބޭނުންކުރަން ޖެހޭ ޕޯޓަލްގެ ޓެކްނިކަލް މައްސަލައެއް މި ފަހަރު ދިމާނުވާ ކަމަށެވެ. ނަމަވެސް ފޯމު ފުރުމުގައި ދިމާވި މައްސަލަތަކަށް ހައްލެއް ހޯދަން އެ މިނިސްޓްރީގެ ހެލްޕް ޑެސްކުންނާއި ޗެޓްރޫމް މެދުވެރިކޮށް އެހީތެރިކަން ހޯދިކަން އޭނާ ފާހަގަކުރެއްވި އެވެ.
ލޯނަށް ހުށަހަޅަން ދެ ވަނަ ފަހަރަށް ހުޅުވާލީ، ލޯނުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެ ކުއްޖަކު ބޭނުން ގައުމަކަށް ކިޔަވަން ދެވޭ ގޮތަށް ބަދަލު ގެނައުމެވެ. ކުރިން ނަމަ، ދަރިވަރުންނަށް ކިޔަވަން ދެވޭނީ ސަަރުކާރުން ކަނޑައަޅާފައިވާ ގައުމުތަކަށް އެކަންޏެވެ.
ނަމަވެސް މިހާރު ނިންމާފައި ވަނީ ލޯނަށް ކޮލިފައިވާ ދަރިވަރުން ބޭނުން ކޮންމެ ގައުމަކަށް ދިޔަ ކަމުގައި ވިޔަސް ސަރުކާރުން ދޭން ކަނޑައަޅާ މިންވަރަށް ލޯނު ދޫކުރާ ގޮތަށެވެ. އޭގެ މާނަ އަކީ ސަރުކާރުން ލޯނު ދޭ އަދަދަށް ވުރެ އެ ގައުމެއްގައި ކިޔަވަން ހިނގާ ހަރަދު ބޮޑުވާ ނަމަ، އިތުރުވާ ބައި ދަރިވަރު އަމިއްލައަށް ދެއްކުމެވެ.
ލޯނުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށެވެ. އެގޮތުން 163 ޖާގައިގެ ތެރެއިން 84 ޖާގަ ހާއްސަކޮށްފައި ވަނީ ކިޔަވަން ފަށާފައިވާ ދަރިވަރުންނަށެވެ. ކިޔަވަމުން އަންނަ ދަރިވަރުންނަށް ލޯނު ދޫކުރާނީ ބާކީ އޮތް 79 ޖާގައިންނެވެ.