08 ސެޕްޓެމްބަރ 2016 - 12:04

ސްރީލަންކާގައި މިހާރު ތަމްރީން ހަދަމުން އަންނަ ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން ވެސް ލަންކާގެ ފިރިހެން ހޭންޑްބޯޅަ ޓީމު ބަލިކޮށްފި އެވެ.
މިއަދު ހެނދުނު ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 27-19 ލަނޑުންނެވެ. މިދިޔަ އަންގާރަ ދުވަހު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ 26-21 ލަނޑުންނެވެ. ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ރާއްޖޭގެ ހޭންޑްބޯޅަ ޓީމުން ފުރަތަމަ މެޗަށް ވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކި އެވެެ.
ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ލަންކާ ޓުއާ އިން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު މެޗުތަކެއް ކުޅެލަން ލިބޭ ކަމަށާއި މިކަމުގެ ފައިދާ މުސްތަގުބަލުގައި މުބާރާތްތަކުގައި ވާދަކުރާއިރު ފެނިގެންދާނެ ކަމަށެވެ.
ލަންކާ ދަތުރު ނިންމާލުމަށް ފަހު ހޭންޑްބޯޅަ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.