ފިލްމަކަށް ސޮއިކުރާ ހިތެއް ނެތް: ޝާހްރުކް ހާން
ފިލްމަކަށް ސޮއިކުރާ ހިތެއް ނެތް: ޝާހްރުކް ހާން

މި ވަގުތު އެއްވެސް ފިލްމަކަށް ސޮއި ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި މި ދަނޑިވަޅުގައި ފިލްމެއްގެ މަސައްކަތަށް ވަގުތު ހުސްކުރަން ބޭނުން ނުވާ ކަމަށް ޝާހްރުކް ހާން ބުނެފި އެވެ.

ފިލްމްފެއާ މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި، 53 އަހަރުގެ އެކްޓަރު ބުނީ މި ވަގުތު ހުރިހާ ފޯކަސްއެއް އޮތީ އާއިލާ އަށް ވަގުތު ދޭން ކަމަށެވެ.

"އަހަރެންގެ ނެތް މި ވަގުތު ފިލްމަކަށް ސޮއި ކުރުމުގެ މޫޑެއް. ބޭނުން ވަނީ އާއިލާއާ އެކީ ވަގުތު ހޭދަކުރަން. އެކަމަކު މިހާރު ވެސް ވަރަށް ގިނަ ސްްކްރިޕްޓްތައް ލިބިފައި އެބަހުރި. އެ އެއްޗެހި އެބަ ކިޔަން،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝާހްރުކް ބުންޏެވެ. "ސްކްރިޕްޓްތައް ކިޔުމުގެ އިތުރަށް މި ދުވަސްކޮޅު އަހަރެން އެކި ކަހަލަ ވަރަށް ގިނަ ފޮތްތައް ވެސް އެބަ ކިޔަން. އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް."

ޝާހްރުކް އާ ފިލްމަކަށް ސޮއި ނުކޮށްގެން އުޅެނީ މި ފަހުން އޭނާ ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވެފައިވާތީ އެވެ. އެގޮތުން އެންމެ ފަހުން ކުޅުނު "ޒީރޯ" އަކީ ކުރި ހަރަދު ވެސް ފޫނުބެއްދުނު ފިލްމެކެވެ.

އަނެއްކޮޅުން ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ޝާހްރުކަށް ފިލްމު ހުށަހަޅާކަށް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ މާ ބޮޑު ޝައުގުވެރި ކަމެއް ވެސް މިހާރަކު ނެތެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އޭނާގެ ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ފިލްމަށް ޑައިރެކްޓަރު ފަރްހާން އަހްތަރު ވެސް ވަގުތު ހުސްކުރަން ބޭނުން ނުވުމެވެ. ފަރުހާން އަންނަނީ އޭނާ ކުޅޭ ފިލްމުތަކުގެ މަސައްކަތަށް ވަގުތު ދެމުންނެވެ.

މިދިޔަ ޑިސެމްބަރު ރިލީޒް ކުރި "ޒީރޯ" އަށް ފަހު ޝާހްރުކް ކުޅޭ ގޮތަށް އޮތީ އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" އެވެ. އެކަމަކު އޭނާ ވަނީ އެ ފިލްމު ވެސް ދޫކޮށްލައިފަ އެވެ.

ކުޅޭނެ ފިލްމެއް ނެތަސް ޝާހްރުކް މިހާރު އަންނަނީ އަންނަ މަހު ރިލީޒް ކުރާ ޑިޒްނީގެ "ލަޔަން ކިންގް" ގެ ހިންދީ ވާޝަނަށް ދަރިފުޅު އަަރިޔާން ހާނާ އެކު އަޑު އަޅައި ދެމުންނެވެ.