ކެޓްރީނާ ކެއިފްގެ "ޒޯޔާ" ކެރެކްޓާ އަށް ފިލްމެއް ހަދައިފާނެ
ކެޓްރީނާ ކެއިފްގެ "ޒޯޔާ" ކެރެކްޓާ އަށް ފިލްމެއް ހަދައިފާނެ

ސަލްމާން ހާން ޓައިގާ ކިޔާ ކެރެކްޓާއަކުން ފެންނަ ފްރެންޗައިޒްގައި ބަތަލާ ކެޓްރީނާ ކެއިފް ކުޅޭ ޒޯޔާ ކެރެކްޓާ އިން ކުރި ފަޅުވައިގެން ފިލްމެއް ހަދަން ބޭނުންވާ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަނީ ޓައިގާގެ ދެ ފިލްމެއް ގެނެސް ދީފަ އެވެ. އެއީ 2012 ގައި ކަބީރު ހާން ޑައިރެކްޓް ކުރި "އޭކް ތަ ޓައިގާ" އާއި 2017 ގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި "ޓައިގާ ޒިންދާ ހޭ" އެވެ.

އެ ދެ ފިލްމުގައި ވެސް ލީޑް ރޯލް ކުޅުނީ ސަލްމާނާއި ކެޓްރީނާ ވެ. އެ ދެ ތަރިންނާ އެކު މި މަހުގެ 5 ގައި "ބާރަތު" ގެނެސް ދިން އަލީ ބުނި ގޮތުގައި "ޓައިގާ" ތިން ވަނަ ފިލްމަށް ވެސް އޭނާ އަންނަނީ ތައްޔާރުވަމުންނެވެ. އަދި ކެޓްރީނާ ކެއިފް ކުޅޭ ޒޯޔާގެ ކެރެކްޓާ އަށް ބިނާކޮށް ސްޕިން-އޮފެއް ހަދަން ވެސް ބޭނުންވާ ކަމަށް ބުންޏެވެ.

"އެކަހަލަ ވިސްނުމެއް އަހަރެންގެ އެބަހުރި. ހިނގާ ބަލަމާ ވާ ގޮތެއް. އެންމެ މުހިއްމު އެއްޗަކީ ފިލްމުގެ ވާހަކަ. ޒޯޔާގެ ކެރެކްޓާ އަށް ބިނާކޮށް ފިލްމެއް ހަދަން އަހަރެން ބޭނުންވޭ ވަރުގަދަ ވާހަކައެއް،" މުމްބާއީ މިރާ އަށް ދިން އިންޓަވިއެއްގައި އަލީ ބުންޏެވެ. "ހިތްހަމަޖެހޭ ކަހަލަ އައިޑިއާ ލިބިއްޖެ ނަމަ ޒޯޔާގެ ކެރެކްޓާ އަށް ސްޕިން-އޮފެއް ހަދާނަން."

"އޭކް ތަ ޓައިގާ" އާއި "ޓައިގާ ޒިންދާ ހޭ" ގައި ކެޓްރީނާ ކުޅެފައި ވަނީ ވަރަށް ވަރުގަދަ އެކްޝަން ކެރެކްޓާއެކެވެ.

އަލީ ބުނި ގޮތުގައި "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ މަސައްކަތް އޭނާ ކުރިން ވިސްނައިގެން ހުރި ވަރަށް ވުރެ އަވަހަށް ފަށާނެ އެވެ. އަދި ފިލްމުން ކެޓްރީނާ އާއި ސަލްމާންގެ ޖޯޑު ފެންނާނެ ކަމަށް ބުންޏެވެ.