24 ޖޫން 2019 - 14:01

ކޮލަމްބޯ (ޖޫން 24) - ސްރީ ލަންކާގެ ވެރިކަމަށް ވަޑައިގަތުމަށް ފަހު 2015 ވަނަ އަހަރު ދޫކޮށްލެއްވި ރިޔާސީ ބާރުތައް އަލުން ހޯއްދެވުމުގެ މަސައްކަތް ރައީސް މައިތުރިޕާލާ ސިރިސޭނާ ފައްޓަވައިފި އެވެ.
ސިރިސޭނާ ވިދާޅުވީ ގައުމުގައި ސިޔާސީ ހަލަބޮލިކަން ބޮޑުވެފައި ވަނީ އެ ބާރުތައް ދޫކޮށްލެވުމުން ކަމަށެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު ސިރިސޭނާ ވަނީ ގާނޫނު އަސާސީ އަށް 19 ވަނަ އިސްލާހު ގެނެސް ރައީސްގެ ބައެއް ބާރުތައް ބޮޑު ވަޒީރަށް ދޫކޮށްލައްވައިފަ އެވެ. އަދި މުހިންމު މުއައްސަސާތަކަށް ވެސް ވަނީ އިތުރު ބާރުތައްދީ މިނިވަންކޮށްފަ އެވެ. ސިރިސޭނާ ވިދާޅުވީ ރައީސް އާއި ބޮޑު ވަޒީރާ ދެމެދު ކޯޅުންތައް އުފެދެން މެދުވެރިވީ ގާނޫނު އަސާސީ އަށް ގެނައި އެ އިސްލާހުތަކުގެ ސަބަބުން ކަމަށެވެ.
"އެ އިސްލާހުގެ ސަބަބުން ގައުމުގައި ވަނީ ސިޔާސީ ހަލަބޮލިކަން އުފެދިފައި. ލީޑު ކުރާނެ ވަކި ލީޑަރެއް ނެތް. ރައްޔިތުންނަށް ގަބޫލް ކުރެވިފައި އޮތީ ރައީސް އާއި ބޮޑު ވަޒީރު ދަތުރު ކުރައްވަނީ ދެ ދިމާލަކަށް ކަމަށް،" ކޮލަމްބޯގައި އޮތް ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީ އަށް ގެނައި މައިގަނޑު އެއް ބަދަލަކީ އެގްޒެޓިވް އަށް ލިބިގެންވާ ބައެއް ބާރުތައް ޕާލަމެންޓަށް ދޫކޮށްލުމެވެ. ފުލުހުންނާއި ޕަބްލިކް ސާވިސް، އިލެކްޝަން ކޮމިޝަން އަދި ޖުޑީޝަރީ އަށް ވަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތް ހަދައިފަ އެވެ. އަދި ރައީސްކަމުގެ ދައުރުގެ މުއްދަތު ވަނީ ކަނޑައަޅައިފަ އެވެ.
އިންސާނީ ހައްގުތައް ވަރުގަދަކޮށް އަދި ޕާލަމެންޓަށް ރައީސް ޖަވާބުދާރީ ކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ. ސިިރިސޭނާ ގެންނެވި އިސްލާހީ ބަދަލުތަކަށް އެދުވަސްވަރު ބައިނަލްއަގުވާމީ ގޮތުން ވެސް ވަނީ ތައުރީފްކޮށްފަ އެވެ.
ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު ސިރިސޭނާ ވަނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖައްސަވައިފަ އެވެ. އެންމެ ފަހުން އެ މައްސަލަ ހައްލު ކުރަން ޖެހުނީ ސުޕްރީމް ކޯޓު މެދުވެރިކޮށެވެ. މަގާމުން ދުރުވެވަޑައިގަތުމަށް ރަނިލް ދެކޮޅު ހެއްދެވުމުން ސިޔާސީ ގޮތުން ލަންކާ ހުއްޓިފައި އެތައް ދުވަހަކު އޮންނަން ޖެހުނެވެ. ރަނިލް މަގާމުން ދުރުކުރީ ދެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެ، ފާޅުގައި ފާޑުވިދާޅުވުމަށް ފަހު އެވެ.
ރިޔާސީ ދައުރު އިތުރު އެއް އަހަރަށް އިތުރު ކުރަން ސިރިސޭނާ އުޅުއްވުމުން ވެސް ސުޕްރީމް ކޯޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ.
އެކަމަކު ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭވަރުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު މިހާރުގެ ޕާލަމެންޓުގައި ސިރިސޭނާ އަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.
ލަންކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ބަލަމުން ދަނީ ނޮވެމްބަރު 9 އާއި ޑިސެމްބަރު 9 އާ ދެމެދު އެވެ.