ވަލު ދޮރާށިން ފަނޑިޔާރުން ވަކި ކުރުން ގާނޫނު އަސާސީއާ ޚިލާފް: މައުމޫން ހަމީދު
ވަލު ދޮރާށިން ފަނޑިޔާރުން ވަކި ކުރުން ގާނޫނު އަސާސީއާ ޚިލާފް: މައުމޫން ހަމީދު

ވަލު ދޮރާށިން ފަނޑިޔާރުން މަގާމުން ދުރު ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ފާސްކޮށްފަ އެވެ. އެ ހުށަހެޅުމާ އެކު، ޖޭއެސްސީން މިހާރު ވަނީ ފަނޑިޔާރުންގެ ޝަރުތުގެ މައްސަލަ އެ ކޮމިޝަންގެ ޖަލްސާ އަށް އެޖެންޑާކޮށްފަ އެވެ.

އެކަމާ ގުޅިގެން މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމުގައި މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފު ކަމަށެވެ. އަދި ވިދާޅުވީ، އެ ނިންމުމަށް ޖޭއެސްސީން ތަބާވެއްޖެ ނަމަ އެއީ ވެސް ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި ވަލު ދޮރާށިން ފަނޑިޔާރުން މަގާމުން ދުރުކުރުން ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި، އެކަމުގައި ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރީ ގާނޫނުއަސާސީއާ ޚިލާފަށެވެ. އެގޮތުން، ޖޭއެސްސީގެ ބާރުތަކަށް ސުޕްރީމް ކޯޓުން ވަދެގަތުމަކީ ވެސް އެފަދަ ކަމެއް ކަމަށާއި އެކަމަކު އެކަންކަން ހައްލު ކުރަން މަޖިލީހަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތުތައް އަދިވެސް އެބައޮތް ކަމަށް މައުމޫންގެ ޓްވީޓްގައިވެ އެވެ.

އެގޮތުން، ފަނޑިޔާރުން އެކަށީގެން ނުވާ އަމަލެއް ކޮށްފި ނަމަ، މަގާމުން ދުރުކުރުމުގެ ބާރު މަޖިލީހަށް އޮތްކަން މައުމޫން ފާހަގަ ކުރެއްވި އެވެ. އަދި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ވެސް ޖޭއެސްސީ އަށް އޮތް ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެންމެން ވެސް ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ. ޚާއްސަކޮށް މިހާރު." މައުމޫން ވިދާޅުވި އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް، އެ އަމުރު ޖޭއެސްސީން ގަބޫލެއް ނުކުރެ އެވެ.