"މިސްޓަ އިންޑިއާ" ގެ މޮގެމްބޯ ރޯލް ކުޅެން ލިބުނު: އަނޫޕަމް ކޭރް
"މިސްޓަ އިންޑިއާ" ގެ މޮގެމްބޯ ރޯލް ކުޅެން ލިބުނު: އަނޫޕަމް ކޭރް

ހިންދީ ސިނަމާގެ އައިކޮނިކް ވިލަން އަދި "މިސްޓަ އިންޑިއާ" އިން ފެނުނު މޮގެމްބޯގެ ކެރެކްޓާ އެންމެ ފުރަތަމަ ކުޅެން ލިބުނީ އެކްޓަރު އަނޫޕަމް ކޭރް އަށް ކަމަށް އޭނާ ބުނެފި އެވެ.

އަމްރިޝް ޕޫރީ ކުޅުނު މޮގެމްބޯގެ ކެރެކްޓާއާ ބެހޭ ގޮތުން އަނޫޕަމް ބުނީ އެ ރޯލް އޭނާ އަށް ހުށަހެޅިތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުން އަޑު އިވުނީ އަމްރިޝް ޕޫރީ އަށް މޮގެމްބޯގެ ރޯލް ދިން ވާހަކަ ކަމަށެވެ.

"ފިލްމެއް ލިބިފައި ސަބަބެއް ނާންގައި އެ ފިލްމެއް އޭގެ ޓީމުން ނެގީމަ ކޮންމެ އެކްޓަރަކަށް ވެސް އަސަރު ކުރާނެ. އެކަހަލަ އިހުސާސްތަކެއް އަހަންނަށް ވެސް ކުރެވުނީ. އެކަމަކު މިސްޓަ އިންޑިއާ ނިންމައިގެން ސިނަމާތަކުގައި ދައްކަން ފެށުމުން އަހަރެން ގޮސް ފިލްމު ބަލާލީމަ ޔަގީންވި އަހަރެންގެ ބަދަލުގައި އަމްރިޝް ޕޫރީ ހަމަޖެއްސީ ކީއްވެގެންކަން،" އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ "ވަން ޑޭ: ޖަސްޓިސް ޑެލިވާޑް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އަނޫޕަމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޝޭކަރު ކަޕޫރް ޑައިރެކްޓް ކުރި "މިސްޓަ އިންޑިއާ" ގައި އަމްރިޝް ޕޫރީ ދެވަނަ އެހެން އެއްވެސް އެކްޓަރަކަށް ނުކުޅެވޭނެ ފެންވަރަށް މޮގެމްބޯގެ ކެރެކްޓާ ކުޅެފަ އެވެ.

"އަހަރެން ވަރަށް އުފާވި ފިލްމު ބަލާފައި. އަދި އަހަރެން ގަބޫލު ކުރިން މިސްޓަ އިންޑިއާގެ ޓީމުން ނިންމި ނިންމުމަކީ ވަރަށް ވެސް ރަނގަޅު ބަދަލެއް ކަމަށް." އަމްރިޝްއާ އެކު ގިނަ ފިލްމުތަކެއް ވެސް ކުޅެފައިވާ އަނޫމަޕް ބުންޏެވެ. "އަމްރިޝް ޕޫރީއަކީ ވަރަށް މޮޅު އެކްޓަރެއް. އަދި އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް ވެސް މެ. އޭނަގެ ވާހަކަ މިއަދު ދައްކާ އިރު ދުނިޔޭގައި ނެތުމަކީ ވެސް ވަރަށް ހިތްދަތިވާ ކަމެއް."

މިދިޔަ ހޮނިހިރު ދުވަހު އަމްރިޝް ޕޫރީގެ 87 ވަނަ އުފަން ދުވަސް ފާހަގަ ކުރި އިރު، އޭނާ ވަނީ 2005 ގައި މަރުވެފަ އެވެ.

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މިސްޓަ އިންޑިއާ" ގެ ރިބޫޓް ވާޝަނެއް ހަދަން ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ މަރުވެފައިވާ ބަތަލާ އަދި ބޯނީގެ އަންހެނުން ސްރީ ދޭވީ އާއި ބޯނީގެ ކޮއްކޮ އަނިލް ކަޕޫރެވެ.