25 ޖޫން 2019 - 07:35

ސިޔާސީ މީހުންނަކީ އަބަދުވެސް ވަރަށް ގިނަ މީހުންނާ ބައްދަލުވާ، އަދި ވަރަށް ގިނަ ހަފުލާތަކުގައި ވެސް އާންމުކޮށް ބައިވެރިވާ މީހުންނެވެ. ހާއްސަކޮށް، ރައްޔިތުން ތަމްސީލުކުރާ މެމްބަރުންނަކީ ބިޒީ ބައެކެވެ. ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ބައެކެވެ.
އެގޮތުން ބަޔަކާ ބައްދަލުވާ ކޮންމެ ފަހަރަކު ވެސް އާންމުކޮށް މަރުހަބާ ކިޔުން އޮންނާނީ ރީތި މާބޮނޑިއަކުންނެވެ. އެކަމަކު އެ މާބޮނޑި އަކީ އެހާ މުހިއްމު އެއްޗަކަށް ގިނަ ފަހަރަކަށް ނުވެ އެވެ.
އެހެންވެ އިންޑިއާގެ ކެރެލާގެ ތުރީސޫރަށް ދާދި ފަހުން ކޮންގްރެސް ޕާޓީގެ ޓިކެޓް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ލޯކް ސަބާގެ މެމްބަރު ޓީއެން ޕްރަތަޕަން ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ އެދުމެއް އެބަ އޮތެވެ. އެއީ މާބޮނޑި ދިނުން ހުއްޓާލުމެވެ. އެގޮތުން މަރުހަބާ ކިޔާ އިރު ރައްޔިތުންގެ ފަރާތުން ހަދިޔާއަކަށް ކޮންމެވެސް ކަހަލެއް ފޮތެއް ދޭން މެމްބަރު ވަނީ އެދިވަޑައިގެންފަ އެވެ. އެ ވާހަކަ އޭނާ ފޭސްބުކާއި ޓްވިޓާގައި ހިއްސާ ކުރުމާ އެކު، ވަރަށް ގިނަ މީޑިއާތަކަށް ވެސް ޕްރަތަޕަންގެ ވާހަކަ ވަނީ އަރައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަރުހަބާއަކަށް ދޭ މާ ބޮނޑި އަކީ ވަގުތީ އެއްޗެކެވެ. އޭގެ ބަދަލުގައި ފޮތެއް ހަދިޔާކުރުމުން އެއީ ގިނަ ޒަމާންތަކަކަށް ދެމިއޮންނާނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ. އަނެއްކޮޅުން ފޮތްތެރިކަމަށް ލޯބިކުރައްވާ ކަމަށާއި ކިޔުންތެރިކަމަކީ ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަހަރެން މިހާރު ނިންމައިފިން މަރުހަބާގެ މާބޮނޑި ހަދިޔާއަކަށް ބަލައި ނުގަންނަން. ބަދަލުގައި ބޭނުން ވަނީ ފޮތެއް،" އޭނާ ވިދާޅުވި އެވެ. "ފޮތެއް ލިބުމަކީ އަހަރެން ވަރަށް އުފާވާނެ ކަމެއް."
ޕްރަތަޕަން ވިދާޅުވި ގޮތުގައި އޭނާ އަށް ލިބިވަޑައިގަންނަވާ ފޮތްތައް ރައްކާކުރުމަށް ފަހު، ބޭނުންވެވަޑައިގަންނަވަނީ އުފަން އަވަށް ތަލިކުއްލަމްގައި ލައިބްރީއެއް ހުޅުވާށެވެ. އަދި އޭގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ކުރާނެ ކަމަަށް ވިދާޅުވި އެވެ.
"އަހަރެންގެ އެންމެ ބޮޑު އެއް ބޭނުމަކީ ކިޔުންތެރިކަން އާލާކޮށް އެކަމަށް ރައްޔިތުންގެ މެދުގައި ލޯބި ޖެއްސުން. ހަގީގތުގައި އިންސާނާ ފުރިހަމަ އަދި ދުނިޔެ އަށް ލޯ ހުޅުވިފައިވާ މީހަކަށް ވަނީ އޭނާގެ ކިޔުންތެރިކަން ވެސް އިތުރުވެގެން،" ޕްރަތަޕަން ވިދާޅުވި އެވެ.
އޭނާގެ މި ނިންމުމަށް ވަރަށް ގިނަ ބަޔަކު ޓްވިޓާ އާއި ފޭސްބުކްގައި ވެސް ތައުރީފުކޮށްފައިވެ އެވެ. އަދި ކުރިން ކުރިން މެމްބަރުކަން ކުރެއްވި ކޮންގްރެސްގެ ޝަޝީ ތަރޫރު ވެސް ވަނީ ޕްރަތަޕަންގެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޕްރަތަބަންގެ އެ ނިންމުމަކީ ވަރަށް ވެސް ރަނގަޅު ނިންމުމެއް ކަމަށާއި އޭނާގެ ދައުރު ވެސް އެކަހަލަ ކަމަކަށް އެދިވަޑައިގަތް ކަމަށެވެ.