23 ޖޫން 2019 - 20:52

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލުނު މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި. މާދަމާ މެންދުރު 12:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ މިހާރު ވަނީ އެޖެންޑާ ކޮށްފައި. ޝައިމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަން ހާމަވެ، މީޑިއާގެ ސަމާލުކަން މިރޭ ކުއްލި ގޮތަކަށް އެ މައްސަލަ އަށް ހުއްޓި، ޖެންޑާ މިނިސްޓްރީ ޖަވާބުދާރީވާން ޖެހުނީ ޝޯޝަލް މީޑީއާ ގައި އާންމުވި އަމުރަކާ ގުޅިގެން. ޝައިމް ހޯދުމަށްޓަކައި ތަނެއް ބަލައި ފާސްކުރުމަށް ނެރެފައިވާ އެ ކޯޓު އަމުރުގައިވާ ގޮތުން ނަމަ އެއީ ކުޑަކުދިންގެ ހިޔާ އިން ފިލާފައިވާ ކުއްޖެއް.
ޝައިމްއާ ގުޅޭ ގޮތުން، ފުލުހުން ދެންމެ ބުނިގޮތުގައި، އެ ކުއްޖާ ހޯދަން މިހާތަނަށް ފުލުހުން ވަނީ ތިން ގެއެެއް ބަލައި ފާސްކޮށްފައި. އަދި ސީސީޓީވީ ފުޓޭޖު ބަލައިގެން ވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނި.
"މިހާރު ވެސް ފުލުހުން ދަނީ އެކި ގޮތްގޮތުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ވަނީ ޝައިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން 3000600 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައި.
މީޑިއާގެ ސުވާލުތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ތަކުރާރުކޮށް ވެސް ބުނަނީ އެއީ ކުޑަކުދިންގެ ހިޔާގައި ދަފްތަރު ކޮށްފައިވާ ކުއްޖެއް ނޫން ކަމަަށް. އަދި އެއީ އެސެސްމަންޓް ހެދުމަށް ވަގުތީ ގޮތުން ހިޔާ އަށް ގެންދިޔަ ކުއްޖެއް ކަމަށް އެ މިނިސްޓްރީން ބުނޭ. އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ނުވާނެތޯ ދެންނެވުމުން ވެސް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ދެއްވީ އެ ޖަވާބު.
މީޑިއާގެ ޕްރެޝަރުތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ބުނީ ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ (ދަފްތަރު 2997) އަކީ ކުޑަކުދިންގެ ހިޔާގެ ދަފްތަރުގައިވާ ކުއްޖެއް ނޫން ކަމަށް. އެކަމަކު އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން" ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށް ޖެންޑާ މިނިސްޓްރީން ބުނި.
އެ މިނިސްޓްރީން ބުނީ އެ ކުއްޖާ ފެނުނީ ކުށުގެ ވެށިން ކަމަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހެދުމަށް ކަމަށް.
"އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަކަށް ނޫން. އެގޮތަށް އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއް ތަން ކުރެވިފައެއް ނުވޭ،" ޖެންޑާ މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުގައި ބުންޏެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ ކުޑަކުދިންގެ ހިޔާ އިން ފިލައިގެން އުޅޭ ކުއްޖެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި، އުމުރުން 14 އަހަރުގެ އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 9:29 ގަ އެވެ. އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
ގެއްލިގެން އުޅެނީ ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖެއްތޯ ދެންނެވުމުން ފުލުހުން ބުނީ "އެކަމާ ބެހޭ އިތުރު މައުލޫމާތެއް" މިވަގުތު ދެވެން ނެތް ކަމަށެވެ. ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މިހާތަނަށް ޖެންޑާ މިނިސްޓްރީ މި މައްސަލައިގައި އޮތީ ހިމޭނުންނެވެ.
އެ ކުއްޖާއާ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅައި އެމައުލޫމާތު ދޭން ފުލުހުން އެދިފައި ވެ އެވެ.