11 ސެޕްޓެމްބަރ 2016 - 11:13

ސެޕްޓެމްބަރު 1 ވަނަ ދުވަހަކީ ތިން ކުދިންގެ މަންމަ ލޯރެން ސްޓީވަންސަން އަށް ވަރަށް ނަސީބުވެރި ދުވަހެކެވެ. އޭނާ ވަނީ ތިން އަހަރު، ކޮންމެ އަހަރެއްގެ ވެސް ހަމަ އެ ދުވަހު ވިހައިފަ އެވެ.
އެމެރިކާގެ ނޯތު ޑަކޯޓާގައި ދިރިއުޅޭ ސްޓީވަންސަން ބުނި ގޮތުގައި މިގޮތަށް ދަރިން ލިބިފައި ވާތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.
"އަހަރެން ވިއްސި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އަހަރެންގެ ފިރިމީހާއަށް މިއީ ގަބޫލުކުރަން ވެސް ދަތިވި ކަމެއް،" ސްޓީވަންސަން އޭބީސީ ނިއުސް އަށް ބުނެފައިވެ އެވެ.
ސްޓީވަންސަން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ގައި ވިހެއުމަށް ފަހު އަހަރު ދެކޮޅު، ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު 1 ގައި ވަނީ ވިހައިފަ އެވެ.
ސްޓީވަންސަން ބުނެފައިވާ ގޮތުގައި މިކަން މިހާ ބޮޑު ހައިރާންކަމަކަށްވީ މިއީ އެއްވެސް ގޮތަކަށް ޕްލޭންކޮށްގެން ކުރި ކަމަކަށް ނުވާތީ އެވެ.
"ތިން ވަނަ ދަރިފުޅު ވިހަން ކުއްލިއަކަށް ބަނޑުގައި ރިއްސަން ފެށުމުން ފިރިމީހާ ވެސް ވަރަށް ހައިރާންވެފައި ބުނީ އަނެއްކާވެސް ސެޕްޓެމްބަރު 1 ގެ ދަރިފުޅެކޭ އަހަރެމެންނަށް މި ލިބެން އުޅެނީ،" ސްޓީވަންސަން ބުނެފައިވެ އެވެ.
ސްޓީވަންސަންގެ ތިން ދަރިން ވެސް ވިއްސާފައި ވަނީ ސެން އެލްކްސިއަސް ހެލްތުގެ ޑރ.ވިލިއަމް ލޮވޭ އެވެ. އޭނާ ބުނި ގޮތުގައި ޖެހިޖެހިގެން ތިން އަހަރުގެ ހަމަ އެއް ދުވަހެއްގައި އޭނާ އެކެއްގެ ތިން ދަރިން ވިއްސި މިއީ ފުރަތަމަ ފަހަރެވެ. މިއީ އޭނާގެ ދިގު ކެރިއަރުގައި ވެސް މިކަހަލަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ.
ސްޓީވަންސަން ބުނި ގޮތުގައި ތިން ދަރިންނަށް އެއްފަހަރާ، އުފަން ދުވަހުގެ ބޮޑު ޕާޓީއެއް ބާއްވަން އޭނާ ގަސްތުކުރެ އެވެ. ސަބަބަކީ އެއްވެސް ކުއްޖެއްގެ އުފަން ދުވަސް އަދި ފާހަގަ ކުރެވޭގޮތް ނުވާތީ އެވެ.
"ކޮންމެ ކުއްޖެއްގެ އުފަން ދުވަސް އަންނައިރު މި އޮންނަން ޖެހެނީ ހޮސްޕިޓަލުގައި އެހެން ކުއްޖެއް ވިހައިގެން. އެހެންވެ އެއްވެސް ކުއްޖެއްގެ އުފަން ދުވަހެއް އަދި ފާހަގައެއް ނުކުރެވޭ."