އޮޑެގައްލާގައި ރިސޯޓް ނުހެދޭނެ ކަމަށް އަންގައިފި
އޮޑެގައްލާގައި ރިސޯޓް ނުހެދޭނެ ކަމަށް އަންގައިފި

ގއ. އޮޑެގައްލާގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

މިގޮތަށް ނިންމައި އަންގާފައިވަނީ، ރިސޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އިން މި މަހުގެ 13 ވަނަ ދުވަހު އެ ރަށުގެ އީއައިއޭ ރިޕޯޓު މުރާޖާ ކުރުމަށް ހުށަހެޅުމުން ކުންފުނީގެ ވެރިފަރާތް މުހައްމަދު އަލީ ޖަނާހަށް ފޮނުވި ސިޓީގަ އެވެ.

އޮޑެގައްލާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރެވޭނެ ކަމަށް ނިންމީ އެ ރަށަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށަކަށް ވުމާއި ގިނަ އަދަދެއްގެ ދޫނި ބިސް އަޅާށާއި ނިދަން އަރާ ރަށަކަށް ވުމާއި އަހަރުގެ ވަކި ދުވަސްވަރެއްގައި ވެލާ ބިސް އަޅަން އަރާ ރަށަކަށް ވާތީ ކަމަށް އީޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން ރަށުގެ ފަރަކީ މުއްސަނދި ފަރަކަށް ވުމާއި ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކޮށްފި ނަމަ، އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ތިމާވެއްޓަށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އީޕީއޭ އިން ބުނީ އޮޑެގައްލާ އަކީ ހުވަދު އަތޮޅާއި އައްޑު އާއި ފުވައްމުލަކުގެ މަސްވެރިން އެންވެރިކަމަށް ބޭނުންކުރާ މުހިއްމު ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދުގައި އެންވެރިކަން ކުރުމަށް ރަނގަޅު ޕޮއިންޓްތައް މަދުވެފައި ވާއިރު އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން އެ ތިން އަތޮޅުގެ މަސްވެރިންނަށް ގެއްލުން ލިބޭނެ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އޮޑެގައްލާގައި ރިސޯޓް ނުހެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މިކަމާ މަޝްވަރާކުރަމުންނެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ދެމެހެއްޓެނިވި ޓޫރިޒަމް ރާއްޖޭގައި އޮތުން ކަމަށާއި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް، ޓޫރިޒަމް ދާއިރާ ފުޅާ ކުރަން ވިސްނަވާ ކަމަށެވެ.