23 ޖޫން 2019 - 15:52

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތްތަކެއް ކުރަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއް ގައި، ށ. ނޫމަރާގެ ބޭރު ތޮއްޓާއި ނެރު ބައްތި އަދި ގްރޮއިން ޖަހަން ހަވާލުކުރީ ސާސް އީ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 9.9 މިލިއަން ރުފިޔާ އަށެވެ. މަޝްރޫއު ނިންމަން ދީފައި ވަނީ އެއް އަހަރުގެ މުއްދަތެވެ.
އެމްޓީސީސީއާ ހަވާލުކުރީ ނ. ހެނބަދޫގެ ބަނދަރު އަދި ސ. މީދޫ ބަނދަރުގެ މަސައްކަތެވެ. ހެނބަދޫގެ ނެރު ފުންކުރުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރުމާއި ބޭރު ތޮށި ޖެހުމައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަހެވެ. މަޝްރޫއުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ.
މީދޫ ބަނދަރުގައި ބޭރު ތޮށި ޖެހުމާއި އެއްގަމު ތޮށި ހެދުމާއި ބަނދަރު ފުންކުރުމާއި ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓު ޖަހަން ޖެހެ އެވެ. އެއް އަހަރު ދުވަހުން ނިންމަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވިދާޅުވީ ތިން ރަށުގެ ބަނދަރު ވެސް ހަދަން ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.