23 ޖޫން 2019 - 16:16

ރާއްްޖެ އިން އިންޑިއާއާ އެކު ގާއިމްކުރަން އުޅޭ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމާ މެދު 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން، ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުމާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ދިހަ ދުވަސް ތެރޭގައި އެއްބަސްވުމުގެ މަސައްކަތް ނިންމަން ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. އޭނާގެ ހުށަހެޅުއްވުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ފާސް ކުރުމަށް ފަހު އެއްބަސްވުން ދިރާސާ ކުރަން ތިން މެމްބަރުންގެ ކުޑަ ކޮމިޓީއެއް ވެސް މިއަދު ނެގި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އުޝާމްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝަރީފާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރަން އުޅޭ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމާ މެދު ކޮމިޓީގައި މިއަދު ކުރި މަޝްވަރާގައި ޝަރީފް އެދިވަޑައިގަތީ އެ އެއްބަސްވުން ދިރާސާކޮށް ނިންމާނެ ސުން ގަޑިއެއް ކަނޑައެޅުމަށެވެ.
އޭނާ އެގޮތަށް އެދިވަޑައިގެންނެވުމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ އެއީ ރާއްޖޭގެ ގާނޫނުތަކަށް ފެތޭ އެއްބަސްވުމެއްކަން ކަށަވަރު ކުރަން ޖެހޭތީ އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
އަފީފްގެ ވާހަކައަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އެއްބަސްވުމަށް އެޓާނީ ޖެނެރަލް އާއި ޕްރޮސެކިއުޓާ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ރައީސް އޮފީހުން ކޮށްފައިވާ ދިރާސާއެއް ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކި ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލުކުރުން ފަދަ އެއްބަސްވުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.