ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީން އެޖެންޑާކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީން އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީ އަށް ހުށަހަޅާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ މައްސަލަ ޖޭއެސްސީގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެކަމަކު، މި ކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ރަސްމީ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

ގާނޫނުއަސާސީގެ 285 ވަނަ މާއްދާ ބުނާގޮތުން، ގާނޫނުއަސާސީ އަށް އަމަލު ކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ނުވަތަ ނޫންތޯ ޖޭއެސްސީން ދެ އަހަރު ދުވަސް ތެރޭގައި ކަނޑައަޅަން ޖެހޭނެ އެވެ.

ދާދި ފަހުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޖޭއެސްސީން ބުނެފައިވާ ގޮތުގައި ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ކަންކަން އެކި ހުރަސްތަކާ މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު އައްޔަން ކުރެއްވި ތިން ބޭފުޅުންނެވެ. ދެން ތިއްބެވި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރެއްވީ މިދިޔަ އަހަރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީގައި އެޖެންޑާ ކުރިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް އެ ކޮމިޝަނުން ބަލަން ފަށައި، އެމަނިކުފާނު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނަސް، ޖޭއެސްސީން އެ އަމުރު ގަބޫލެއް ނުކުރި އެވެ.

ފަނޑިޔާރު ޑީޑީގެ މައްސަލައިގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ޖޭއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބާއްވައިފަ އެވެ.