ޖިންސީ ގޯނާގެ ތުހުމަތުތަކާ ހެދި ބްރަޔަން ސިންގާ އަށް "ރެޑް ސޯނީ" ވެސް ގެއްލިއްޖެ
ޖިންސީ ގޯނާގެ ތުހުމަތުތަކާ ހެދި ބްރަޔަން ސިންގާ އަށް "ރެޑް ސޯނީ" ވެސް ގެއްލިއްޖެ

މީގެ ދެ އަހަރު ކުރިން ޑައިރެކްޓަރު ބްޔަރަން ސިންގާގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން އޭނާ އަށް އަނެއްކާ ވެސް އިތުރު ފިލްމެއް ގެއްލިއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ ހެދި ބްރަޔަން ސިންގާ އަށް "ރެޑް ސޯނީ" ވެސް ގެއްލިއްޖެ
ޖިންސީ ގޯނާގެ ތުހުމަތުތަކާ ހެދި ބްރަޔަން ސިންގާ އަށް "ރެޑް ސޯނީ" ވެސް ގެއްލިއްޖެ

މިލީނިއަމް ފިލްމްސް އަށް ސިންގަ ޑައިރެކްޓްކޮށް ދޭ ގޮތަށް ކުރިން ހަމަޖެހިފައި އޮތް، ފިލްމު "ރެޑް ސޯނީ" އޭނާގެ އަތުން ނެގުމަށް ފަހު، ފިލްމު މިހާރު ވަނީ އެމެޒޯންގެ ވެބް ސީރީޒް "ޓްރާންސްޕޭރަންޓް" ގެ މޭސްތިރިޔާ އަދި 2013 ގެ ފިލްމު "އާފްޓަނޫން ޑިލައިޓް" ގެ އަންހެން ޑައިރެކްޓަރު ޖިލް ސްލޮވޭއާ ހަވާލުކޮށްފަ އެވެ.

ވެރައިޓީން ބުނީ ސިންގާގެ މައްޗަށް ކުރެވިފައިވާ ޖިންސީގެ މައްސަލަތައް ކޮޅެއްގައި ނުޖެހި، އެ ވާހަކަތައް މީޑިއާތަކުން ތަކުރާރުކޮށް ދެކެވެމުންދާތީ އޭނާއާ އެކު މިލީނިއަމުން ފިލްމެއް ހަދައިގެން، ރިސްކެއް ނަގަން ބޭނުން ނުވަނީ ކަމަށެވެ.

އެހެންވެ، "ރެޑް ސޯނީ" ލިޔެ، ޑައިރެކްޓް ކުރާނީ ޖިލް ކަމަށް އެ ނޫހުން ބުންޏެވެ. ކުރިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން އުޅުނު ފިލްމު ސިންގާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ލަސްވެފައިވާތީ، ޖިލް، 53، އާ ހަވާލުކޮށްގެން ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފަށަން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު މީގެ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރު ރިލީޒްކޮށް، މި އަހަރުގެ އޮސްކާ އެވޯޑްގައި ވެސް ވާދަ ކުރި "ބޮހީމިއަން ރާޕްސޮޑީ" ގެ ޑައިރެކްޓަރު ސިންގާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާ އަށް އެ ފިލްމު ކްރެޑިޓް ނުދޭން ވެސް ކުރިން ނިންމި އެވެ. އަދި ތުހުމުތައް ފެންމަތިވީ ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ކަމަށްވާތީ ފިލްމުގެ ޑައިރެކްޓަރުގެ މަގާމުން ވެސް ސިންގާ ވަކިކުރި އެވެ. އަދި "ބޮހީމިއަން ރާޕްސޮޑީ" ނިންމައި ދިނީ ޑައިރެކްޓަރުގެ ކްރެޑިޓް ނުނަގާ ގޮތަށް ޑެކްސްޓާ ފްލެޗާ އެވެ.

ނަމަވެސް ފިލްމު ރިލީޒް ކުރީ ސިންގާ އަށް ކްރެޑިޓް ދީފަ އެވެ. އެކަމަކު މި އަހަރުގެ ބަފްޓާގައި އޭނާ އަށް ލިބުނު އައުޓްސްޓޭންޓިން ބްރިޓިޝް ފިލްމު ކެޓަގަރީން ނަން ބާތިލުކޮށްފަ އެވެ.

"އެކްސް މެން" ބައެއް ފިލްމުތައް ވެސް ޑައިރެކްޓްކޮށްފައިވާ ސިންގާ، 53، ގެ މައްޗަށް އެންމެ ފުރަތަމަ ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ 2017 ގަ އެވެ. އެއީ 2003 ގައި 17 އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނު ކަމަށް ބުނެ އެވެ.

އޭގެ ފަހުން މި އަހަރުގެ ކުރީކޮޅު ވެސް އޭނާގެ މައްޗަށް އިތުރު ތިން ފިރިހެނަކު ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު އެ ހުރިހާ ތުހުމަތުތަކަށް ސިންގާ އިންކާރު ކުރެ އެވެ.