23 ޖޫން 2019 - 15:21

ވޮޝިންޓަން (ޖޫން 23) - އީރާނުގެ މިސައިލް ކޮންޓްރޯލް ސިސްޓަމަށް އެމެރިކާ އިން ސައިބާ ހަމަލާ ދިނީ އަސްކަރީ ޑްރޯނެއް ވައްޓާލުމުން ބަދަލު ހިފަން ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ބުނެފި އެވެ.
ވޮޝިންޓަން ޕޯސްޓުން ބުނީ އީރާނަށް ސައިބާ ހަމަލާއެއް ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ސައިބާ ކޮމާންޑަށް ވަރަށް ސިއްރުން ހުއްދަ ދެއްވާފައި ކަމަށެވެ. ޕޯސްޓުން ބުނީ އެމެރިކާ އިން ދިން ސައިބާ ހަމަލާގެ ސަބަބުން އީރާނުން ރޮކެޓް އަދި މިސައިލް ހަމަލާ ދޭން ބޭނުން ކުރާ ކޮމްޕިއުޓަރު ސިސްޓަމްތައް ޑައުންކޮށްލި ކަމަށެވެ.
އީރާނުން ބުނެފައި ވަނީ ސައިބާ ހަމަލާ ދިން ކަމަށް އެމެރިކާ އިން ބުނަނީ އެ ގައުމުގެ ޑްރޯނެއް ވައްޓާލުމުން ގަތް ލަދު ފޮރުވަން ކަމަށެވެ.
ޑްރޯން ވައްޓާލުމާ ގުޅިގެން އީރާނަށް ވައިގެ ހަމަލާ ދޭން ޓްރަމްޕް ވަނީ ހުއްދަ ދެއްވައިފަ އެވެ. ނަމަވެސް ފަހުން އެކަން ކެންސަލް ކުރެއްވީ އެކަށީގެންވާ ރައްދެއް ދޭނެ ކަމަށް ވިދާޅުވެ އެވެ.
އެމެރިކާގެ ޑްރޯން ވައްޓާލާފައި މި ވަނީ ގަލްފުގައި ޓޭންކަރުތަކަކަށް ދިން ހަމަލާތަކަށް ފަހު އެވެ. އެ ހަމަލާތަކުގެ ޒިންމާ އެމެރިކާ އިން އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ. އެކަމަކު އީރާނުން އެކަން ދޮގު ކުރެ އެވެ.
އީރާނުގެ އިސް ޖެނެރަލަކު ވަނީ އެ ގައުމަށް އެންމެ ވަޒަނެއް ފޮނުވާލި ނަމަވެސް މެދުއިރުމަތީގައިވާ އެމެރިކާގެ އަމާޒުތައް އަންދާ ހުލިކޮށްލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.