23 ޖޫން 2019 - 13:20

ވޮޝިންޓަން (ޖޫން 23) - އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލައިފި ނަމަ އެ ގައުމުގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް ވާނެ ކަމަށާ އަދި އިސްލާމީ ރިޕަބްލިކް ވެގެންދާނީ އިގްތިސާދީ ގޮތުން ވަރަށް ފުދުންތެރި ގައުމަކަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އީރާނުގައި ނިއުކްލިއާ ހަތިޔާރު ހުންނާކަށް ބޭނުމެއް ނުވޭ،" އެމެރިކާގެ ޑްރޯނެއް އީރާނުން ވައްޓާލި މައްސަލާގައި މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑަށް ވަޑައިގަތުމުގެ ކުރިން ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "ނިއުކްލިއާ ހަތިޔާރު ހުއްޓާލަން އެއްބަސްވެއްޖެ ނަމަ އީރާން ވާނީ ވަރަށް މުއްސަނދި ގައުމަކަށް. އެ މީހުން ވަރަށް އުފާވާނެ. އަޅުގަނޑު ވާނީ އީރާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް. އުއްމީދު ކުރަނީ އެކަން ވާނެ ކަމަށް."
އެކަމަކު ޓްރަމްޕް މިދިޔަ އަހަރު ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ފަހުން އެ ގައުމުގެ މަޝްރަހު ވަނީ ހޫނުވެފަ އެވެ. ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެމެރިކާގެ އަސްކަރީ ޖާސޫސީ ޑްރޯނެއް ބުރާސްފަތި ދުވަހު އީރާނުން ވައްޓާލި މައްސަލާގައި ޓްރަމްޕް ވަނީ އީރާނަށް ހަމަލާ ދިނުމަށް ހުއްދަ ދެއްވައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެކަން ކެންސަލް ކުރައްވައިފަ އެވެ.