ކުންފުނީގެ ފައިދާ ނުބެހީ މާލީ ހާލަތު ދަށްވެގެން: އެމްޓީސީސީ
ކުންފުނީގެ ފައިދާ ނުބެހީ މާލީ ހާލަތު ދަށްވެގެން: އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ނިންމީ ކުންފުނީގެ މާލި ހާލަތު ދަށްވެގެން ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ކުންފުނީގެ ފައިދާ ނުބެހީ މާލީ ހާލަތު ދަށްވެގެން: އެމްޓީސީސީ
ކުންފުނީގެ ފައިދާ ނުބެހީ މާލީ ހާލަތު ދަށްވެގެން: އެމްޓީސީސީ

އެމްޓިސީސީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ޝާހު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ދައްކާގޮތުގައި އެ ކުންފުނީގެ ކޭޝް ފްލޯ ވަނީ ދަށްވެފަ އެވެ. އަދި އެކަމުގެ ސަބަބުން ކުންފުނީގެ ފައިދާ ނުބަހަން ޑައިރެކްޓަރުންގެ ބޯޑުން ނިންމި ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ މާލީ ހާލަތު ދަށްވީ މިދިޔަ އަހަރު ނިމުނު އިރު އެ ކުންފުންޏަށް ރަނގަޅު ޕްރޮޖެކްޓުތައް ލިބިފައިނުވާތީ ކަމަށެވެ. އެގޮތުން މިއަހަރު ފެށުނު އިރު ހުރީ ކުރިއަށް ނުގެންދެވި ހުރި ބައެއް ޕްރޮޖެކްޓުތައް ކަމަށާއި އެ ޕްރޮޖެކްޓުތައް އެކި މިނިސްޓްރީތަކާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ކަމަށް ޝާހު ވިދާޅުވި އެވެ.

"2018 ވަނަ އަހަރު ނިމި 2019 ވަނަ އަހަރަށް އެޅި އިރު ކުންފުންޏަށް އެހާ ރަނގަޅު ޕްރޮޖެކްޓުތައް ލިބިފައި ނުވޭ. ހުރީ ކުރިން ހަވާލުކޮށްފައި ނަމަވެސް ކުރިއަށް ނުގެންގޮސް ހުރި ޕްރޮޖެކްޓުތައް. އެ ޕްރޮޖެކްޓުތައް މިހާރު އަޅުގަނޑުމެން މި ގެންދަނީ އެކި މިނިސްޓްރީތަކާއި ގުޅިގެން ބަދަލުތައް ގެނެސްގެން ކުރިއަށްގެންދަމުން،" ޝާހު ވިދާޅުވި އެވެ.

ޝާހު އިތުރަށް ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ މުއައްސަސާތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިހާރު އެ ކުންފުންޏަށް ރަނގަޅު ޕްރޮޖެކްޓުތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި އިތުރު 25 ޕްރޮޖެކްޓު ސަރުކާރުން އެ ކުންފުންޏަށް ލިބޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ލިބޭ ޕްރޮޖެކްޓުތައް ގިނަވުމުން ކުރިއަށް ހުރި ކުއާޓަރުތަކުގައި އެމްޓީސީސީ އަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.

"ކުންފުންނީގެ ހާލަތާ ގުޅޭގޮތުން ކުންފުންޏާ ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތަކާ އަޅުގަނޑުމެން ވާނީ މަޝްވަރާ ކޮށްފައި. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ރައީސް އޮފީހާ ވެސް އަޅުގަނޑުމެން ވާނީ މަޝްވަރާ ކޮށްފައި. މީގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ޕްރޮޖެކްޓުތައް ގިނަވެ ކުރިއަށް ހުރި ކުއާޓަރުތަކުގައި ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ،" ޝާހު ވިދާޅުވި އެވެ.

ކުންފުނީގެ މާލީ ހާލަތު ދަށްވުމުމުގެ ސަބަބުން ހިއްސާދާރުންނަށް ފައިދާ ނުބަހަން އެމްޓީސީން ނިންމާފައިވާއިރު މި މަހުގެ 15 ގައި ބާއްވަން އުޅުނު އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ވެސް ވަނީ ފަސްކޮށްފަ އެވެ. މި ޖަލްސާ ބާއްވާނެ ތާރީހެއް އަދި އެމްޓީސީސީން ހާމައެއް ނުކުރެ އެވެ.