ޝަރަފުވެރި ކާމިޔާބީއެއް: ސްމައިލީގެ އުއްމީދު ބޮޑު
ޝަރަފުވެރި ކާމިޔާބީއެއް: ސްމައިލީގެ އުއްމީދު ބޮޑު

ޒުވާން އުމުރުގައި ރާޅާ އަޅަން ފެށި، ގދ. ގައްދު އަށް އުފަން އިސްމާއިލް ރަޝީދު (ސްމައިލީ) އަކީ މީގެ ކުރިން މުބާރާތްތަކުގައި ވާދަކުރަން ބޭނުންވާ ވަރަށް ވުރެ ބޮޑަށް، މި ކަމަށް ހުރި ލޯތްބެއްގައި ވަގުތު ހޭދަކުރަމުން އައި ޒުވާނެކެވެ. އެކަމަކު ދާދި ފަހުން ރާއްޖޭގައި މުޅިން އަލަށް ރާޅާ އަޅާ ކުޅުންތެރިންގެ ގައުމީ ޓީމެއް ނަގަން ބޭއްވި "ޓްރަޔަލްސް 2019"ގެ ޝަރަފްވެރި އެއް ވަނަ ހޯދައި ސްމައިލީ މިހާރު އަމާޒުހިފާފައި ވަނީ ބޮޑެތި ކާމިޔާބީތަކަށެވެ.

ޝަރަފުވެރި ކާމިޔާބީއެއް: ސްމައިލީގެ އުއްމީދު ބޮޑު
ޝަރަފުވެރި ކާމިޔާބީއެއް: ސްމައިލީގެ އުއްމީދު ބޮޑު

ސެޕްޓެމްބަރު މަހު ޖަޕާންގައި އޮންނަ ވޯލްޑް ސާފިންގް ގޭމްސްގައި ރާއްޖޭން ވާދަކުރާއިރު، ޓްރަޔަލްސް އިން އެ މުބާރާތަށް ދާނީ ސްމައިލީގެ އިތުރުން ފައިނަލް ހީޓުގައި ސްމައިލީއާ ވާދަކުރި މަޝްހޫރު ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ)ގެ އިތުރުން ތިން ވަނަ ހޯދީ އަހްމަދު އާގިލް (އަންމަޑޭ) އެވެ. އަދި ހަތަރު ވަނަ އަށް ދިޔައީ ހުސައިން ނާސިހު (ޗިކާ) އެވެ.

"އިބޫ އަތުން މޮޅުވުމަކީ ވަރަށް ހާއްސަ ކަމެއް. އެކަމަކު އިބޫ އަކީ ނަމްބަރު ވަން އަދިވެސް. އެކަމަކު ދެން ބޭނުމީ އަހަންނަށް މި މަގާމަށް އާދެވުމުން މިކަން ދިފާއުކުރަން،" ލިބުނު ހާއްސަ ކާމިޔާބީއާ ބެހޭގޮތުން "މިހާރު" އަށް ދިން އިންޓަވިއުގައި ސްމައިލީ ބުންޏެވެ.

އުމުރުން އެންމެ 13 އަހަރުގައި ބޭބެމެންގެ އެހީތެރިކަމާ އެކު ރާޅާ އެޅުމުގެ ދަތުރު ފެށި ސްމައިލީ އެންމެ ފުރަތަމަ ހުރީ އެކަމަށް ހުސްވި ނަމަވެސް މުބާރާތްތަކުގައި ވާދަކުރުމުގެ މާބޮޑު ވިސްނުމަކު ނޫނެވެ. ޓްރަޔަލްސް އަކީ ސްމައިލީ ވާދަކުރި ދެ ވަނަ މުބާރާތެވެ. އޭގެ ކުރިން އޭނާ ވާދަކުރީ މޭ މަހު އޮތް މުބާރާތުގަ އެވެ. އެ ފަހަރު އަލަށް ވާދަކޮށް ތިން ވަނަ ހޯދި އެވެ.

"އެއީ ރާޅުގަނޑަށް ސާފް ކުރަން އެރުނު ދެ ވަނަ ފަހަރު. ފަސް އަހަރު ކުރިން އެއީ. އެ ފަހަރު ތިން ވަނަ ލިބުނީމަ ކުޑައިއްސެ ބުނީ ވާނެއޭ ޓްރަޔަލްސްގައި ވާދަކުރަން ސްމައިލީ އަށް ވާނެއޭ. އަބަދުވެސް ހުރިހާ ގާތް މީހުން އެކުވެރިންނާއި އާއިލާ މީހުން ވެސް ބުނޭ ވާނެއޭ. އެ ހިތްވަރުގައި މި ފަހަރު ޓްރަޔަލްސްގައި ވާދަކޮށް މި ކާމިޔާބީ ލިބުނީމަ ވަރަށް އުފާވޭ،" ސްމައިލީ ބުންޏެވެ.

ސްމައިލީ އުފާވާ އަނެއް ސަބަބަކީ ގައްދޫގައި ވެސް ސާފިން އިން ކުރިއަށްދާން ތިބި އިތުރު ޒުވާނުންނަށް މަގު ދައްކައިދެވުމެވެ. ހުދުރަންފުށީގައި ސާފް ގަައިޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސްމައިލީ ހުރީ މުސްތަގުބަލުގައި އިތުރު ކާމިޔާބީތައް ހޯދުމުގެ އަމާޒުގަ އެވެ.

"ވާދަކުރެވޭ ހުރިހާ މުބާރާތެއްގައި ވާދަކުރަން ބޭނުން. ސީ ގޭމްސްގައި ވެސް ރަނގަޅު ވާދައެއްކޮށް ރާއްޖެ އަށް ރީތި ނަން ހޯދައިދޭން ބޭނުން،" އުމުރުން 26 އަހަރުގެ ހުނަރުވެރިޔާ ބުންޏެވެ.

ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު "މިހާރު" އަށް ދިން އިންޓަވިއުއެއްގައި މީގެ ކުރިން ވިދާޅުވީ ބްރިޖުގެ މަސައްކަތަށް ފަހު ރާޅުގަނޑު އަލުން ހުޅުވުމުން ގިނަ ރާޅާ އެޅުންތެރިންނަށް ހިތްހަމަޖެހުން ލިބިފައިވާ ކަމަށާއި ސާފިން އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ރާޅާއެޅުންތެރިން ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް މީގެ ކުރިން ހޯދައިފަ އެވެ.