29 މެއި 2016 - 11:41

އިންޑިޔާގައި ގްރޭޑް 10 ނިންމާފައި ހަދާ އިމްތިހާނުން އެވްރެޖް މާކްސް 8.6 ލިބުމަކީ ކިޔަވާ ކުދިންނާއި އެކުދިންގެ މައިންބަފައިންގެ މޫނަށް ވެސް އުފާވެރި ހިނިތުންވުމެއް ގެނުވާނެ ކަމެކެވެ. އިންޑިޔާގެ ރަށެއް ކަމަށްވާ ތާނޭގައި ދިރިއުޅޭ އުމުރުން އެންމެ 16 އަހަރުގެ ކޭޖަލް ޕާންޑޭ އަށް ވެސް މި ފަހަރުގެ އިމްތިޙާނުން އެހާވަރު ލިބުނެވެ. ނަމަވެސް ކޭޖަލް އަށް މި ލިބުނު ކާމިޔާބީގެ އުފާ ފާހަގަކުރާނެ ހިތްވަރެއް އާއިލާ އާއި ރައްޓެހިންނަށް ނެތެވެ.
ސަބަބަކީ މިދިޔަ އޭޕްރީލް މަހު ކޭޖަލް އޭނާގެ މަންމައާ އެކު ސައިކަލެއްގައި ދަނިކޮށް ކާރެއް އެ ސައިކަލަށް ވުރެ ކުރިން ދާން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ ކޭޖަލް މި ދުނިޔެ އިން ވަކިވެގެން ގޮސްފައިވާތީ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރުގައިވާ ގޮތުން އެކްސިޑެންޓްވުމާ އެކު ކޭޖަލް ވިއްސައިގެން ގޮސް ވަރަށް ދުރަށް ޖެހުނެވެ. އަދި އޭނާގެ ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ސިކުނޑި އަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމުން ހޮސްޕިޓަލަށް ގެންދިޔަތަނާ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކޭޖަލްގެ އާއިލާ އަށް އެނގި އެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި ވެސް ކޭޖަލްގެ އާއިލާ އިން ގަސްދުކުރީ އޭނާގެ ދެ ކިޑްނީ އާއި ލިވާ ހަދިޔާކޮށްގެން އިންސާނިއްޔަތަށް ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.
މި ހަދިޔާކުރި ގުނަވަންތަކުގެ ބޭނުން ހިފައިގެން މިހާރު ތިން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިފައި ވެ އެވެ. އޭގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.
"ދަރިފުޅު ނެތް ކަމަށް ގަބޫލުކުރަން އަދިވެސް ވަރަށް ދަތި. އެހެން ނަމަވެސް އޭނާގެ ގުނަވަންތައް ހަދިޔާކޮށްގެން އޭނާ އަދިވެސް ދިރިހުރި ކަމުގެ އިހްސާސް ކުރެވޭ. އަހަރެމެންނަށް އޭނާގެ އިމްތިހާނުގެ ނަތީޖާ ވެސް ޗެކްކޮށްލާނެ ހިތްވަރެއް ނެތް،" ކޭޖަލްގެ ބައްޕަ ބުންޏެވެ.
ކޭޖަލްގެ ކުއްލި މަރުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ އޭނާގެ ކޮއްކޮއަށެވެ. ފިލާވަޅުތައް ދަސް ކުރުމުގައި ދައްތަ އެހީތެރިވާ މިންވަރު އޭނާގެ ކޮއްކޮ އަބަދު އަބަދު ހަނދާންކޮށް ދެރަވެގެން އުޅޭ ކަމަށް އެކުދިންގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ ޕަވަން ކުމާރު ބުންޏެވެ.
ކޭޖަލްގެ ރައްޓެހިންނާއި އާއިލާ އިން އޭނާގެ ހަނދާން އާކުރަނީ ތާނޭގެ އަރުންދާޔާ ޕަބްލިކް ސްކޫލްގައި ކިޔެވި ކިޔެވުމަށް އިންތިހާ އަށް މޮޅު، ކުޅިވަރާއި ނެށުން އަދި އެހެނިހެން ވެސް އިތުރު ހަރަކާތްތަކުގައި ވިދާލި ވިސްނުންތޫނު ކުއްޖެއްގެ ގޮތުގަ އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެފައިވަނީ ކޭޖަލް އަކީ އޭނާގެ ސްކޫލްގައި ކިޔެވި އެންމެ ވިސްނުންތޫނު އެއް ކުއްޖާ ކަމަށެވެ.
ކޭޖަލް މި ދުނިޔެ ދޫކޮށްފައި ވިޔަސް އޭނާގެ ސަބަބުން އާ ދިރިއުޅުމެއް ލިބުނު ތިން މީހުން މުޅި އުމުރަށް އޭނާއަށް ޝުކުރުވެރިވާނެ ކަން ޔަގީނެވެ.