ސިޓީ-ޔުނައިޓެޑް: އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު!
ސިޓީ-ޔުނައިޓެޑް: އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު!

ފާއިތުވި ސީޒަންތަކަށް ބަލާއިރު ކުޅުންތެރިންނަށް އެންމެ ބޮޑު ހޭދައެއް ކުރި އިނގިރޭސި ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ. މި ފަހަރުގެ ޕްރިމިއާ ލީގު ސީޒަނުގައި ފުރަތަމަ ފަހަރަށް ސިޓީ އާއި ޔުނައިޓެޑް އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާއިރު، މި މެޗު ވެގެންދާނީ ކުޅުންތެރިންގެ އަގަށް ބަލާއިރު މިހާތަނަށް ފުޓްބޯޅަ ތާރީހުގައި ކުޅޭ އެންމެ އަގުބޮޑު މެޗަށެވެ.

މޮރީނިއޯގެ ޔުނައިޓެޑާއި ގާޑިއޯލާގެ ސިޓީ ފުރަތަމަ ފަހަރަށް ބައްދަލުކުރާއިރު މި މެޗަށް މި ދެ ޓީމުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ އެގާރަ ކުޅުންތެރިންގެ އަގަކީ 670 މިލިއަން ޕައުންޑެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގެ އަގަކީ 350.55 މިލިއަން ޕައުންޑެވެ. ސިޓީގެ ފުރަތަމަ އެގާރައިގެ އަގަކީ 321.55 މިލިއަން ޕައުންޑެވެ.

ޔުނައިޓެޑްގެ ފުރަތަމަ އެގާރަ އަށް ބަލާއިރު އެންމެ އަގުބޮޑީ ދުނިޔޭގެ ރެކޯޑް އަަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބަދަލުވި ޕައުލް ޕޮގްބާ އެވެ. ޕޮގްބާ ގެންނަން ޔުނައިޓެޑުން ވަނީ 93.25 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. މީގެ އިތުރުން 57.6 މިލިއަން ޕައުންޑަށް ގެނައި އެންތަނީ މާޝިއަލް އާއި 37.1 މިލިއަން ޕައުންޑަށް ގަތް ހުއާން މަޓާ އަދި 30 މިލިއަން ޕައުންޑަށް ގަތް އެރިކް ބެއިލީ ހިމެނެ އެވެ.

ސިޓީގެ އެންމެ އަގުބޮޑު ކުޅުންތެރިއަކީ 54 މިލިއަން ޕައުންޑަށް އެ ޓީމަށް ގެނައި ކެވިން ޑިބްރޭނާ އެވެ. އޭގެ އިތުުރުން ދެން އެންމެ އަގުބޮޑީ 50 މިލިއަން ޕައުންޑަށް ގެނައި ޖޯން ސްޓޯންސް އާއި 49 މިލިއަން ޕައުންޑަށް ގަތް ރަހީމް ސްޓާލިންގެ އިތުރުން 37 މިލިއަން ޕައުންޑަށް ގަތް ލިރޯއި ސާނޭ އެވެ.

މީގެ ކުރިން ކުޅުންތެރިންގެ އަގުތަކަށް ބަލާއިރު އެންމެ އަގުބޮޑު މެޗަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރެއާލް ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ އެވެ. އެ މެޗަށް ނުކުތް ދެ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިންގެ އަގަކީ 562 މިލިއަން ޕައުންޑެވެ.