22 ޖޫން 2019 - 15:05

ޗައިނާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލަފާ ދޭ ބޯޑުގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރަކަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިންތިހާބު ކޮށްފި އެވެ.

ބޯޑުގެ މެމްބަރަކަށް ސައީދު އިންތިޚާބުކުރީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގުޅޭގޮތުން ބޭއްވި ވޯލްޑް އެސްއެމްއީ ފޯރަމްގަ އެވެ. މި ފޯރަމުގައި ސައީދު ތަގުރީރު ވެސް ކުރެއްވި އެވެ.

އޭނާ ވާހަކަ ދެއްކެވީ ވިޔަފާރި ކުރުމުގައި މިދުވަސްވަރު ގެންގުޅޭ އުސޫލުތަކާ ބެހޭގޮތުންނެވެ. މިއީ މި ފޯރަމުގައި ދިވެއްސަކު ތަގުރީރު ކުރި ފުރަތަމަ ފަހަރެވެ.
ސައީދު ވިދާޅުވި ގޮތުގައި އޭނާގެ ދައުރަކީ ޗައިނާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލަފާ ދިނުމެވެ. އެ މަގާމުގެ މުއްދަތަކީ ތިން އަހަރެވެ.
އެ ކޮމިޓީގެ މެމްބަރަކަށް ސައީދު އިންތިޚާބުކުރިއިރު، ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އިރު ޗައިނާގެ ސަރުކާރުގެ އިތުރުން ވިޔަފާރި ކުންފުނިތަކާ އެކު ގާތް ގުޅުމެއް ބޭއްވެވި އެވެ.
މި މަހުގެ 21-22 އަށް ކުރިއަށް ގެންދިޔަ އެސްއެމްއީ ފޯރަމުގައި އެކި ގައުމުތަކުގެ މަންދޫބުން ބައިވެރިވި އެވެ. އޭގެތެރޭގައި އިޓަލީ އާއި ޖަޕާނާއި އެމެރިކާ ފަދަ ގައުމުތައް ހިމެނެ އެވެ.