24 ޖޫން 2019 - 07:38

އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު "ލާލު ސިންގް ޗައްޑާ" ގެ ބަތަލާގެ ރޯލަށް ކަރީނާ ކަޕޫރް ސޮއިކޮށްފި އެވެ.
ކުރިން ވެސް އާމިރާ އެކު ދެ ފިލްމު ކުޅެފައިވާ ބަތަލާ، އާމިރު އަންނަ އަހަރު ގެނެސްދޭ ފިލްމަށް ސޮއިކޮށްފައި މި ވަނީ އެ ފިލްމުގެ ބަތަލާގެ ރޯލް ކަރީނާ އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވެސް ވަނީ "ލާލު ސިންގް ޗައްޑާ" އަށް ކަރީނާ ސޮއި ކުރިކަން ކަށަވަރުކޮށް ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި އޭނާ ކުޅޭނީ އާމިރުގެ އަންހެނުންގެ ރޯލެވެ.
"ލާލު ސިންގް ޗައްޑާ" އަކީ 1994 ގައި ރިލީޒް ކުރި ޓޮމް ހޭންކްސްގެ ކޮމެޑީ ޑްރަމާ "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ހޭންކްސް ކުޅެފައިވާ އިރު، އޭނާގެ އަންހެނުން ޖެނީ ކަރަންގެ ރޯލް ފިލްމުގައި ކުޅުނީ ރޮބިން ރައިޓެވެ.
އާމިރާއި ކަރީނާ އެކުގައި ކުރިން ކުޅުނު ދެ ފިލްމަކީ 2009 ގެ "3 އިޑިއަޓްސް" އާއި 2012 ގެ "ތަލާޝް" އެވެ. އާމިރު ވަނީ ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރާ އެކީ ވެސް ފިލްމެއް ކުޅެފަ އެވެ. އެއީ ކަރިޝްމާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 1996 ގެ "ރާޖާ ހިންދުސްތާނީ" އެވެ.
އަދުވައިތު ޗަންދަން ޑައިރެކްޓް ކުރާ "ލާލު ސިންގް ޗައްޑާ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ. ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.