22 ޖޫން 2019 - 11:02

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހެދުމަށް ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއުގެ ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް ހޮވާ ފާމަކުން ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނަލައިޒް ކުރުމުގެ އިތުރުން ޕްރޮޖެކްޓު އެކުލަވާލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް ކުރަން ޖެހޭނެ އެވެ.
ސަރުކާރުން ބޭނުންވަނީ ބައިނަލަގްވާމީ ކޮންސަލްޓެންސީ ފާމުތަކުން ރާއްޖޭގެ ފާމްތަކާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ޕްރޮޕޯސަލް ހުށަހަޅާނީ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ)އާ އެއްގޮތް ވާގޮތުގެ މަތިންނެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 21، އެވެ.
އެ މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންސަލްޓެންސީގެ މަސައްކަތް ކުރަން ފާމެއް ހޮވާނީ ޕްރޮޕޯސަލުގެ އަގާއި ފެންވަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ޕްރޮޕޯސަލް ވަޒަން ކުރުމުގައި ރާއްޖޭގެ ކުންފުނިތަކާއި ބޭރު ކުންފުނިތައް ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާނަމަ އެކަމަށް ރިއާޔަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް މާދަމާ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ އެވެ.