21 ޖޫން 2019 - 18:27

ފިހާރައެއްގައި މީހަކު ބާއްވާފައި ދިޔަ ވޮލެޓަކުން ވިޔަފާރިކުރި ދެމަފިރިއަކު، އެ ވޮލެޓް އިއްޔެ ފުލުހުންނަށް ހަވާލުކޮށްފި އެވެ،
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވޮލެޓެއް ގެއްލިގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ ވޮލެޓް ފުލުހުންނަށް ހަވާލުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ވޮލެޓް ހަވާލުކުރި އިރު އޭގައި ފައިސާ ހުރި ކަމެއް ފުލުހުންނެއް ނުބުނެ އެވެ.
ގެއްލުނު ވޮލެޓުގެ ވެރިފަރާތް ވެސް ހޯދިއްޖެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ނަަމަވެސް އެ މީހާ މި ވަގުތު މާލޭގައި ނެތުމުން އަދި އެ ހަވާލުނުކުރެވޭ ކަމަށާއި އޭނާ މާލެ އައުމުން އެ ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ދެމަފިރިން ފުލުހުންނާ ވޮލެޓް ހަވާލުކުރި އިރު، އެ ފިހާރައިން ވޮލެޓު ނެގި ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ފިހާރައިން ވިޔަފާރިކުރުމަށް ފަހު، ކައުންޓަރު މަތީގައި ވޮލެޓް ބާއްވާފައި މީހަކު ދާ ތަން އެ ވީޑިއޯއިން ފެނެ އެވެ. އެއަށް ފަހު އެ ފިހާރަ އަށް ދިޔަ ދެމަފިރިން އެ ވޮލެޓުން ވިޔަފާރިކުރުމަށް ފަހު، ވޮލެޓު ހިފައިގެންދާ ތަން ވެސް ފެނެ އެވެ.
އެ ދެމަފިރިންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސޯޝަލް މީޑިއާގައި އަމާޒުވެފަ އެވެ. އެ ވޮލެޓް ފުލުހުންނާ ހަވާލުކުރީ އެ ވީޑިއޯ ފަޅާއެރުމަށް ފަހު އެވެ.