22 ޖޫން 2019 - 07:02

ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި، އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވާނެ ކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ މި އަހަރުގެ ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނި ގޮތުގައި އިންޑިއާގެ އާބާދީ މިހާރު އިތުރުވަމުން އަންނަ ރޭޓަށް ބަލާ އިރު ޗައިނާ ފަހަތަށް ޖައްސާލައި، 2027 ގައި، އެންމެ އާބާދީ ބޮޑު ގައުމަށް ވާނެ އެވެ.
އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އޭޝިއާގެ އެންމެ އާބާދީ ބޮޑު އިންޑިއާ އާއި ޗައިނާއަކީ މިހާރު ދުނިޔޭގެ އާބާދީގެ 37 ޕަސަންޓް (77 ބިލިއަން) ހިއްސާ ކުރާ ދެ ގައުމެވެ. އިންޑިއާގެ މިހާރުގެ އާބާދީ އަކީ 1.3 ބިލިއަނެވެ. ޗައިނާގެ އާބާދީއަކީ 1.4 ބިލިއަނެވެ.
އދ. ގެ ރިޕޯޓްގައި ބުނީ 2027 ގައި އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު އިންޑިއާ ކަށަވަރުވުމަށް ކުރުމަށް ފަހު، އެ ގައުމާއި ޗައިނާގެ އާބާދީގެ ނިސްބަތުގެ ފަރަގު 2050 އާ ހަމައަށް އަންނަ އިރު ވަރަށް ބޮޑަށް އިންޑިއާގެ އާބާދީ އިތުރުވެގެން ދާނެ ކަމަށެވެ.
ރިޕޯޓްގައި ބުނީ މި އަހަރާއި 2050 އާ ދޭތެރޭ ދުނިޔޭގެ 55 ގައުމެއްގެ އާބާދީ އަށް 1 ޕަސަންޓްގެ ދަށްވުމެއް އަންނާނެ ކަމަށެވެ. އެގޮތުން ޗައިނާގެ އާބާދީގެ ނިސްބަތަށް 2.2 ޕަސަންޓް (31.4 މިލިއަން) ގެ ދަށްވުމެއް އަންނާނެ ކަމަށެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2050 އާ ހަމައަށް އަންނަ އިރު އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ލިސްޓްގެ ކުރީގައި އިންޑިއާ އާއި ޗައިނާގެ ފަހަތުން ދެން އަންނާނީ ނައިޖީރިއާ ޕާކިސްތާން، ކޮންގޯ، އިތިއޯޕިއާ، ޓެންޒޭނިއާ، އިންޑޮނީޝިއާ، މިސްރު އަދި އެމެރިކާ އެވެ.
ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނި ގޮތުގައި 2050 އާ ހަމައަށް އަންނަ އިރު ދުނިޔޭގެ އާބާދީ 9.7 ބިލިއަނަށް އަރާނެ އެވެ.
ޔޫއެންގެ އަންޑަ-ސެކްރެޓަރީ-ޖެކެނެރަލް ފޮ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޑީއީއެސްއޭ) ލިއު ޒެނިމް ވިދާޅުވި ގޮތުގައި އާބާދީ އިތުރުވަމުންދާ ގިނަ ގައުމުތަކަކީ ނިސްބަތުން ފަގީރު ގައުމުތަކެވެ.
"މީގެ ސަބަބުން ކުރިމަތިވާ އިތުރު ގޮންޖެހުންތައް ގިނަ،" އޭނާ ވިދާޅުވި އެވެ. "ފުދުންތެރިކަން ކުޑަ ގައުމުތަކުގެ އާބާދީ އިތުރުވަމުން ދިއުމުން ފަގީރުކަން ނައްތާލުމާއި ސިއްހަތާއި ތައުލީމީ ދާއިރާ އަދި މި ނޫން ވެސް އިޖުތިމާއީ އެކި ރޮނގުތަކުން ކުރިއެރުންތައް ހޯދަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅި ދިރިއުޅުމުގެ ހާލަތު އިތުރަށް ދަށްވޭ."