21 ޖޫން 2019 - 08:01

ޒިއުރިކް (ޖޫން 21) – އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިސްލާހީ މަސައްކަތައްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތާ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން ހަވާލުވެ އެ މަސައްކަތް ހިންގުމުގެ ޒިންމާ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޫރާއާ ހަވާލުކޮށްފި އެވެ.
އޮގަސްޓުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހު ފީފާ އިން އެފްރިކާ އަށް ފޮނުވާ އާއްމު މަންދޫބުގެ ގޮތުގައި ސެނެގާލަށް އުފަން ސަމޫރާ މަސައްކަތްކުރައްވާނެ އެވެ.
ކާފް އާއި އެތަނުގެ ރައީސް އަހުމަދު އަހުމަދުގެ ވާހަކަތައް ދާދި ފަހުން މީޑިއާގައި ތިލަވީ ހިންގުމުގެ މައްސަލަތަކެއް އުޅުމާއި އަދި ފްރާންސުގައި ކުރިއަށް ގެންދިޔަ ކޮރަޕްޝަނުގެ ތަހުގީގެއްގައި އަހުމަދާ ސުވާލުކުރުމުންނެވެ. އެކަމަކު ފަހުން ވަނީ ދައުވާ އެއް އުފުލެއް ނެތި ދޫކޮށްލައިފަ އެވެ.
އެއާ އެކު އޭނާ ވަނީ ފީފާގެ އެހީގައި އެ ކޮންފެޑެރޭޝަނުގެ މިހާރުގެ ހާލަތު ބަލައި އަދި އިސްލާހީ މަސައްކަތްތައް އަވަސް ކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ ހުށަހެޅުން ކޮންފެޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކުރި އެވެ.
ފީފާ އިން ކާފްގެ ހިންގުމުގައި ބައިވެރިވެ އަދި އެތަނުން ބާއްވާ މުބާރާތްތަކުގެ އިންތިޒާމްތައް ފުރިހަމަކަމާ އެކު ދޭތޯ ޔަގީންކޮށް އެފްރިކާގެ އެކި ހިސާބުތަކުގައި ފުޓްބޯޅަ ކުރިއެރުވުމުގެ މަސައްކަތަށް ސަޕޯޓްދޭނެ އެވެ.
މައްސަލަތައް ދިމާވާ އެސޯސިއޭޝަންތަކަށް ފީފާ އިން އާއްމުކޮށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރަނީ އެވެ. އެކަމަކު ކޮންފެޑެރޭޝަނުގެ ވެސް ބައިވެރިވުމާ އެކު ފީފާ އިން އެހީވެދޭން ނިންމީ މިއީ ސަރަހައްދީ ޖަމިއްޔާއަކަށް ވުމުންނެވެ.
މިކަމަށް ޔުއެފާގެ ރައީސް އަދި ފީފާގެ ކައުންސިލް މެމްބަރު އެލެކްޒެންޑާ ކެފެރިން ވަނީ ދެކޮޅު ހައްދައިފަ އެވެ. އާއްމު މަންދޫބަކަށް ސަމޫރާ ހަމަޖެއްސުމުން އެކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވެފައިވީ އޭގެ ސަބަބުން މަސްހަލަތު ފުށުއަރާނެ ކަމަށެވެ.
ކާފްގެ ޒިންމާތަކާ އެކު ވެސް ސަމޫރާ ފީފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ދެމި ހުންނަވާނެ އެވެ. އެކަމަކު އޭނާގެ ވަރަށް ގިނަ ޒިންމާތަކެއް އެހެން މީހުންނާ ހަވާލުކުރައްވާނެ ވެސް މެ އެވެ.
އުމުރުން 54 އަހަރުގެ ސަމޫރާ އަކީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލް އެވެ. ކުރިން އ.ދ ގައި މަސައްކަތްކުރެއްވި ސަމޫރާ ވިދާޅުވެފައިވާ ގޮތުގައި ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް އަދާކުރަން އޭނާ ތައްޔާރުކޮށްދިނީ، އ.ދ ގެ ވަޒީފާގައި ހަނގުރާމައިގެ މައިދާންތަކުގައި މަސައްކަތްކުރި އިރު ލިބުނު ތަޖުރިބާ ކަމަށެވެ.