ޑްރޯން ވައްޓާލުމަކީ އީރާނުން ހެދި ބޮޑު ގޯހެއް: ޓްރަމްޕް
ޑްރޯން ވައްޓާލުމަކީ އީރާނުން ހެދި ބޮޑު ގޯހެއް: ޓްރަމްޕް

ވޮޝިންޓަން (ޖޫން 21) - އެމެރިކާގެ އަސްކަރިއްޔާގެ ސާވެލަންސް ޑްރޯނެއް ވައްޓާލުމަކީ އީރާނުން ހެދި ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާނުން ބުނެފައި ވަނީ އެމެރިކާގެ ޑްރޯން ވަނީ ގަވާއިދާ ޚިލާފަށް އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައި ކަމަށެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާ އިން އެކަން ދޮގު ކުރެ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒަރީފް ވިދާޅުވީ އީރާނުގެ ވައިގެ ސަރަހައްދަށް އެމެރިކާގެ ޑްރޯން ވަން މައްސަލަ އދ. އަށް ހުށަހަޅާނެ ކަމަށެވެ.

"އީރާނުން ހަނގުރާމައެއް ބޭނުމެއް ނޫން. އެކަމަކު ގައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު ދިފާއު ކުރާނަން،" ޒަރީފް ވިދާޅުވި އެވެ.

އެކަމަކު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ޑްރޯން އުދުހެމުން ދިޔައީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގައި ކަމަށެވެ.

"އީރާނުން އެ ވަނީ ގޯހެއް ހަދާފައި. ޑްރޯން ވައްޓާލި މީހާ އެ ވަނީ ބޮޑު ގޯހެއް ހަދާފައި،" ޓްރަމްޕް ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފަށައިފި ނަމަ ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށެވެ.

ސައުދީ އަރަބިއާގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ވިދާޅުވީ އީރާނުގެ އަމަލްތައް ގަބޫލް ނުކުރެވޭނެ ކަމުގެ މެސެޖް އެ ގައުމަށް ދޭނެ ކަމަށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ އެމެރިކާގެ ޑްރޯން ވައްޓާލީ ދެކުނުގެ ހޯމޮޒްގަން ޕްރޮވިންސްގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ކަމަށެވެ.