ޖަލުގެ އޮފިސަރަށް ހަމަލާ ދިނުމުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި
ޖަލުގެ އޮފިސަރަށް ހަމަލާ ދިނުމުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި

މާފުށީ ޖަލުގައި، ޖަލު ބަލަހައްޓާ އޮފިސަރަކަށް ގައިދީ އަކު މިއަދު ހަމަލާ ދިނުމުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ ޖަލުގައި މިއަދު ހަމަނުޖެހުން ހިންގުމުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ޖަލަށް ވަޑައިގެން އެތަނުގެ ހާލަތު ބެއްލެވި ކަމަށާއި އެ ހަމަނުޖެހުން ކޮންޓްރޯލްކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ފަހު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ނަސީމް މިރޭ އިރާކޮޅު ވިދާޅުވީ، އޮފިސަރަކަށް ހަމަލަދިނީ މާ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށެވެ.

އެއީ އެކަކު ނުވަތަ ގިނަ ގައިދީންތަކެއް ގުޅިގެން ހިންގި ކަމެއްތޯ ސުވާލު ކުރުމުން ނަސީމް އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ. ހަމަ އެކަނި ވިދާޅުވީ "ބޮޑު ހަމަނުޖެހުމެއް ނުހިނގާ" ކަމަށެވެ. ޒަހަމްވި އޮފިސަރަށް ލިބިފައި ވަނީ ކިހާ ވަރެއްގެ އަނިޔާއެއްކަން އެނގޭނީ، ނަސީމް ވިދާޅުވި ގޮތުގައި، މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުންނެވެ.