20 ޖޫން 2019 - 15:32

އޯ ލެވެލް ފެންވަރާ އެކު 20،000 ރުފިޔާގެ މުސާރައެއް ދޭން ނިންމައި ކޮމިއުނިކޭޝަން ޑައިރެކްޓަރަކު ހޯދަން އިއުލާންކުރުމުން އަމާޒުވި ފާޑުކިއުންތަކާ އެކު ކުއްލި ގޮތަކަށް އެ އިއުލާން ހެލްތު މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.
ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވީ މާސްޓާސް ނިންމާފައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުންނަށް 12،000ރ.ގެ މުސާރަ ނުލިބޭ އިރު އޯ ލެވެލް ފެންވަރުގެ މުވައްޒަފަކަށް ބޮޑު މުސާރައެއް ދިނުމެވެ.
ގެޒެޓް ކުރި ހެލްތު މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވަނީ މަހަކު 20،000ރ. ލިބޭ ކޮމިއުނިކޭޝަން އޮފިސަރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން 14:00 އެވެ. އެ މަގާމުގެ ޝަރުތަކީ އޯ ލެވެލްގެ ފެންވަރު ހުރުމާ އެކު މީޑިއާގައި މަސައްކަތްކޮށް މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ އިއުލާން ކުރެވުނީ އިދާރީ މައްސަލައެއްގެ ސަބަބުން އޮޅުމަކުން ކަމަށެވެ. އެ އިއުލާން މިހާރު ބާތިލްކޮށްފައިވާ ކަމަށް އެ ޓުވީޓުގައިވެ އެވެ.
އެ އިއުލާން ބާތިލްކުރި ނަމަވެސް ފާޑުކިޔާ މީހުން ތުހުމަތުކުރާ ގޮތުގައި ވަކި ޝަރުތަކަކާ އެކު އާންމުކުރި އިއުލާނަކީ "ވަކި މީހަކަށް ފަހާފައި އޮތް ކޯޓެކެ"ވެ. ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ އަސާސީ މުސާރަ އަކީ 5،000ރ. އެވެ. މިއީ، ހުރިހާ ސަރުކާރެއްގައި ވެސް ސިިވިލް ސާވަންޓުން ކުރާ ޝަކުވާ އެކެވެ.
ސިވިލް ސާވިސްގެ އެކި މަގާމްތަކުގައި މުސާރައިގެ ބޮޑު ފަރަގެއް ހުރެ އެވެ. މިއީ ވެސް ސިވިލް ސާވަންޓުންގެ ހިތްހަމަނުޖެހުން އޮތް މައްސަލައެކެވެ.