ހޮލީވުޑަށް އިތުރު އަންހެން ޑައިރެކްޓަރެއް
ހޮލީވުޑަށް އިތުރު އަންހެން ޑައިރެކްޓަރެއް

އަންހެން ޑައިރެކްޓަރުންނާއި ފިލްމު ހެދުމުގެ އެކި މަސައްކަތްތަކުގައި އަންހެނުން ހިއްސާވާ މިންވަރު ދަށްވާ ވާހަކަ އަކީ ހޮލީވުޑްގައި އާންމުކޮށް ބަހުސް ކުރެވޭ މައްސަލައެކެވެ. އެކަމަކު މިފަހަކަށް އައިސް އަންހެނުން އަންނަނީ ފިލްމު އުފެއްދުމުގެ މަސައްކަތްތަކުގައި ފިރިހެން ފަންނާނުންނަށް ދޫނުކުރާ ވަރުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ފަހަރު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވަމުން އަންނަނީ ކާމިޔާބު އެތައް ފިލްމެއް ކެމެރާކޮށްފައިވާ ރެޗެލް މޮރިސަން އެވެ. އޭނާ ކެމެރާކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބްލެކް ޕެންތާ" އަދި "މަޑްބައުންޑް" ފާހަގަކޮށްލެވެ އެވެ.

ރެޗެލްގެ އަލަތު ޑައިރެކްޝަނަކީ ޔުނިވާސަލްގެ "ފްލިންޓް ސްޓްރޯންގް" އެވެ. މި ފިލްމަކީ 2015 ގައި ނެރުނު ޒެކެރީ ކެނަޕާރީ އާއި ޑްރިއާ ކޫޕާ ގެނެސް ދިން ބޮކްސިން ޑޮކިއުމަންޓަރީ "ޓީ-ރެކްސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގައި ކިޔައިދެނީ އޮލިމްޕިކްސްގައި އެންމެ ފުރަތަމަ ބޮކްސިން އިން ރަން މެޑެލް ހޯދުމުގެ ހުވަފެން ދެކޭ 17 އަހަރުގެ ކުއްޖެއްގެ ވާހަކަ އެވެ.

ވެރައިޓީން ބުނީ "ފްލިންޓް ސްޓްރޯންގް" ޑައިރެކްޝަން ރެޗެލް އަށް ހުށަހަޅާފައިވާ އިރު، ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރެޗެލް، 41، އަކީ "މަޑްބައުންޑް" އިން މިދިޔަ އަހަރުގެ އޮސްކާގެ އެންމެ މޮޅު އަންހެން ސިނަމަޓޯގްރާފަރަށް ވެސް ނޮމިނޭޓްވި ފަންނާނެކެވެ. އަދި އޭނާއަކީ އެ ކެޓަގަރީން މިހާތަނަށް އޮސްކާ އަށް ނޮމިނޭޓްވި ހަމައެކަނި އަންހެނާ ވެސް މެ އެވެ.