ޕިކްޒާގެ "ސޯލް" އަންނަ އަހަރުގެ ޖޫންގައި
ޕިކްޒާގެ "ސޯލް" އަންނަ އަހަރުގެ ޖޫންގައި

ޑިޒްނީގެ ދަށުން ހިންގާ ޕިކްޒާ އިން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ދެވަނަ އެނިމޭޓެޑް ފިލްމު "ސޯލް" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ދެ ކުންފުނި ގުޅިގެން ގެނެސްދޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 19، 2020 އެވެ. "ސޯލް" ގެ ކުރިން ޕިކްޒާގެ އޮރިޖިނަލް ފިލްމެއްގެ ގޮތުގައި "އޮންވާޑް" ބެލުންތެރިންނަށް ގެނެސް ދޭނެ އެވެ. އެއީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ.

ޑޭން ސްކޭންލަން ޑައިރެކްޓް ކުރާ އެ ފިލްމަށް އަޑު އަޅައިދޭ ފަންނާނުންގެ ތެރޭގައި ކްރިސް ޕްރެޓް، ޓޮމް ހޮލަންޑް އަދި އޮކްޓޭވިއާ ސްޕެންސާ ހިމެނެ އެވެ.

"ސޯލް" ގެ ޑައިރެކްޓަރަކީ އޮސްކާ އެވޯޑް ވެސް ހޯދާފައިވާ އަޕް (2009) އާއި އިންސައިޑް އައުޓް (2015) ވެސް ޑައިރެކްޓް ކުރި ޕީޓް ޑޮކްޓާ އެވެ. މި ފިލްމަށް އަޑު އަޅައި ދޭނެ ފަންނާނުން އަދި އިއުލާނެއް ނުކުރެ އެވެ.

ކާމިޔާބު އެތައް އެނިމޭޓެޑް ފިލްމެއް ގެނެސް ދިން ޕިކްޒާ އާއި ޑިޒްނީގެ އެންމެ ފަހުގެ އެނިމޭޓެޑް ފިލްމަކީ ހުކުރު ދުވަހު ރިލީޒް ކުރި "ޓޯއި ސްޓޯރީ 4" އެވެ. މިއަށް އަޑު އަޅާފައިވާ ތަރިންގެ ތެރޭގައި ޓޮމް ހޭންކްސް، ޓިމް އެލެން، އެނީ ޕޮޓްސް، ޓޯނީ ހޭލް، ކިއާނޫ ރީވްސް، ޖޮއަން ކުސަކް، ކްރިސްޓީނާ ހެންޑްރިކްސް، ލޯރީ އެލަން އަދި ޑައިރެކްޓަރު ޖޯޑަން ޕީލް ހިމެނެ އެވެ.