20 ޖޫން 2019 - 14:46

މިދިޔަ މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު 18 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި އަހަރުގެ މެއި މަހުގެ ނިޔަލަށް 749،114 ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީން މެއިގެ ނިޔަލަށް ރާއްޖެ އައީ 632،729 ޓޫރިސްޓުންނެވެ.
މެއި މަހު ރާއްޖެ އަށް 103،022 ޓޫރިސްޓުން ޒިޔާރަތް ކުރި އިރު މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާ އިރު 10.9 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. ދެވަނަ އަށް އިޓަލީ ހިމެނޭ އިރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިޔާއިންނެވެ.
އިންޑިޔާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑު އިތުރުވެފައިވާ އިރު މެއި މަހުގައި އެ ގައުމުން ވަނީ ދެ ދަރަަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ. އޭޕްރީލް މަހު އެ ގައުމަކީ ރާއްޖެ އަށް ފަސް ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.
"އިންޑިޔާއަކީ މީގެ ކުރިން އެކްސްޕްލޯ ނުކުރެވި އޮތް ސްކޯޕެއް. ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަރުދަނާވެ، ރައީސުލްޖުމްހޫރިއްޔާ ގައުމެއް ގެންނަ ހަމަޖެހުމާ އެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ރަނގަޅު ބަދަލެއް އޮންނަންވާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
މެއި މަހު ދެން އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޖަރުމަނާއި އިނގިރޭސިވިލާތެވެ. ރާއްޖޭގައި 139 ރިސޯޓު ހިންގަމުންދާ އިރު މިހާރު ވެސް އަންނަނީ 140 ރިސޯޓް ތަރައްގީ ކުރަމުންނެވެ.