12 ސެޕްޓެމްބަރ 2016 - 06:56

ދުފުމަކީ ވަރަށް ގިނަ ގައުމުތަކުގައި އާންމުކޮށް ކުރާ ކަމެކެވެ. ދުފުމަށް ހެދިބިލެތް ތައްޔާރުކުރާއިރު އެކި ގައުމުތަކުގައި އަޅާ އެއްޗެހި ވެސް ތަފާތެވެ. މަސްތުވާ ބާވަތްތައް ހެދިބިލެތަށް އަޅާ ގައުމުތައް ވެސް އެބަހުއްޓެވެ.

މިއީ ސީއެންއެންގެ ޖާނަލިސްޓް ޖޯހަން ނިލާންޑާ ޓައިވާނަށް ގޮސް، އެ ގައުމުގައި އުޅޭ ހެދިބިލެތް ވިއްކާ މީހުންނާ ގުޅޭ ގޮތުން ލިޔެފައިވާ ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.

ލިންގް ލިންގް، 20، ތައިވާނުގެ ޓައިޕޭގެ ރަށްބޭރުގައިވާ ހައިވޭގައި އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ލައިގެން ހުރި ކުރުކުރު މިނީ ސްކާޓް ތުނިކަމުން ގައި އެނގެ އެވެ. އެއީ ހަށިވިއްކާ މީހެއް ކަމަށް ބައެއް މީހުން ހީކޮށްފާނެ އެވެ. ނަމަވެސް އޭނާ އަކީ ހައިވޭގައި ދަތުރުކުރާ ކާރުތަކާއި ޓްރަކްތަކުގައި ތިބޭ މީހުންނަށް ހެދިބިލެތް ވިއްކާ މީހެކެވެ. ތައިވާނުގައި ދުފާއެއްޗިއްސަކީ ވަރަށް އާއްމުކޮށް މީހުން ބޭނުންކުރާ އެއްޗެކެވެ. އިންޑިއާ އަދި މިޔަންމާ ފަދަ އޭޝިއާގެ ގިނަ ގައުމުތަކުގައި ދުފުމަކީ އާއްމު ކަމެކެވެ.

ލިންގް ލިންގް ބުނި ގޮތުގައި ދުފާއެއްޗެހި ވިއްކަން ހުންނަ އަންހެންކުއްޖާ ރީތި ނަމަ ވިޔަފާރި ރަނގަޅުވެ އެވެ. އޭނާ ވެސް އެގޮތަށް ހެދުން އަޅައިގެންހުރީ އެހެންވެ ކަމަށް ވެސް ލިންގް ބުންޏެވެ.
ދުފުމަކީ ދެވިހިފާ، ސިއްހަތަށް ނުރައްކާތެރި އެއްޗެކެވެ. ނަމަވެސް ދުނިޔޭގެ އާބާދީގެ 10 ޕަސެންޓް މީހުންނަކީ ދުފާ މީހުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި ދުންފަތާއި ބަނގުރާ އަދި ކެފެއިން އެކުލެވޭ ބުއިންތަކަށް ފަހު ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ހިތްހަމަޖައްސަން ބޭނުންކުރާ އެއްޗަކީ ދުފާ އެއްޗިއްސެވެ.

ބިލެތްގަނޑަކަށް ފޯއްކޮޅެއް ލައިގެން ދުފާލުމުން އެސްޕްރެސޯ އެއް ނުވަތަ އެއަށް ވުރެ ވެސް ބާރުގަދަ ކެފެއިންގެ ބާވަތެއް ބޯލުމުން ލިބޭ ކަހަލަ ހިތްހަމަޖެހުމެއް ސިކުނޑިއަށް ލިބޭ ކަމަށްވެ އެވެ.
ނަމަވެސް ހިތާމައަކީ ކޮންމެ ދުވަހަކު ބޯ ކޮފީ އާ ޚިލާފަށް ދުފުމަކީ އަނގައިގެ ކެންސަރު ޖެހޭ ކަމަކަށް ވާތީ އެވެ.
ތައިވާންގައި އަނގައިގެ ކެންސަރު ޖެހޭ ކޮންމެ 10 މީހެއްގެ ތެރެއިން ނުވަ މީހަކީ ދުފާ މީހުންނެވެ.
ތައިވާނުގައި ވިއްކާ ހެދިބިލެތް ވަރަށް މީރު ކަމަށް މީހުން ބުނެ އެވެ. ޓެކްސީ ޑްރައިވަރެއް ކަމަށްވާ ޗެން ވެން ދުފަމުން، އަނގަޔަށް ޖަމާވަމުންދާ ރަތް ކުޅުތައް ޕްލާސްޓިކް ތައްޓަކަށް ޖަހަމުން ވާހަކަ ދެއްކި އެވެ. އޭނާ ބުނީ ޓެކްސީ ކުރުމުގައި ވަރަށް ގިނަ ވަގުތު އުޅެން ޖެހޭއިރު ދުފުމަކީ މަސައްކަތަށް ލިބޭ އެހީއެއް ކަމަށެވެ.
"ދުފާލީމަ ގިނަ ވަގުތު މަސައްކަތް ކުރާނެ ހިތްވަރު ލިބޭ،" އޭނާ ބުންޏެވެ.
ބައެއް އަންހެންކުދިން ދުފަނީ އެއިން ލިބޭ ހިތްހަމަޖެހުމަށް ކަމަށް ބުންޏެވެ. އެ މީހުން ހެދިބިލެތް ތައްޔާރުކުރަނީ އެކި ރަހަތަކުގަ އެވެ. އެއްބައި ހެދިބިލެއްގަނޑަށް ދުންފަތް އަޅަ އެވެ. ލުނބޯ ނުވަތަ ހަވާދުގެ ބާވަތްތައް ވެސް ބައެއް ބިލެއްގަނޑަށް އަޅަ އެވެ. އެމީހުން ބުނަނީ ފޮނި އަދި ހިތި ރަހަ ލާ ބިލެއްގަނޑަކީ އެންމެ މަގުބޫލު ވައްތަރުތައް ކަމަށެވެ.
ހިތިރަހަލާ ޕޭސްޓެއް ވެސް އުނގުޅާފައި ހުންނަ ބިލެތްގަނޑެއް ވެސް ކެވުނެވެ. އެ ދިން ބުނި ގޮތުގައި އެއީ ޗައިނީޒް މެޑިސިންގެ ވައްތަރެކެވެ. ބިލެތްގަނޑު އަނގަޔަށްލާ ހަފާލިތަނާހެން މުޅިހަށިގަނޑަށް ޝޮކެއް ލިބުނެވެ. ގައިން ހޫނު އަރަން ފަށައި މޫނުން ދާތައް އޮހޮރެން ފެށި އެވެ. ހިތުގެ ހިނގުން އަވަސްވާން ފެށި އެވެ. ލޯލިތައް ކޮޅަށްޖެހި ކަނާއަތް އައްސިވާކަހަލަ ގޮތެއް ވާން ފެށި އެވެ. ކުއްލިއަކަށް އަނގައިގައި ކުޅުތައް ގިނަވެ ކުޅު ޖަހަން ބޭނުންވެއްޖެ އެވެ. އެހިސާބުން މަގުމަތީގައި ރަތް ޖޫސްފަދައިން ހުރި ކުޅުތަކަށް ނަޒަރު ހުއްޓުނެވެ. މަންޒަރު ބަލަން ތިބި މީހުން ހެނީ އެވެ.
ކެންސަރު ޖެހޭ ވާހަކަ ހެއްޔެވެ؟ އެ ވާހަކަ ބާއްވާށެވެ. އެކަހަލަ ބިލެތްގަނޑެއް ދުފާލުމަކީ ހޭވަރަށް ވުރެ މާ ސީރިއަސް ކަމެކެވެ.
މިއީ ވަރަށް ޒަމާނުއްސުރެ މި މީހުންގެ މެދުގައި އާދަވެފައި އޮތް ސަގަފަތާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް ދުފުމަކީ ކެންސަރު ޖެހޭ ކަމެއް ކަމަށް ވަރަށް ގިނަ މެޑިކަލް ރިސާޗްތަކުން ހާމަވެފައިވާތީ އެކަން ހުއްޓުވޭތޯ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ކޮންމެ އަހަރަކު ތައިވާންގެ 5،700 އަށް ވުރެ ގިނަ މީހުންނަށް އަނގައިގެ ކެންސަރު ޖެހެ އެވެ. އަދި މީގެ ތެރެއިން 2،300 މީހުން މި ބަލީގައި މަރުވެ އެވެ. އެކަމަކު މީހުން ބުނަނީ ކެންސަރު ޖެހެނީ ބިލެތުން ކަމަށާއި ފޯކަކީ ސިއްހަތަށް ފައިދާހުރި އެއްޗެއް ކަމަށެވެ. ނަމަވެސް އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސާ (އައިއޭއަރްސީ) އިން ބުނަނީ ފޯކަކީ ވެސް އޭގެ ޒާތުގައި ކެންސަރު ޖައްސާ އެއްޗެއް ކަމަށެވެ.
ތައިވާނުގެ އެޖެންސީތަކުން ބުނަނީ ދުފުމަކީ ސިއްހަތަށް ނުރައްކާ ކަމަކަށް ވިޔަސް އެ ގައުމުގައި ދުފުން މަގްބޫލުކަމަށް ވެފައިވަނީ ގިނަ މީހުންނަކީ ގެއިން ބޭރުގައި ކޮންސްޓްރަކްޝަން މަސައްކަތާއި ދުރުތަންތަނަށް ދަތުރުކުރުމުގައި އުޅޭ އަދި މަސްވެރިކަމުގައި އުޅޭ މިހުންނަށް ވާތީ ކަމަށެވެ. ދުފާލުމުން އެމީހުންގެ ހަށިގަނޑުގައި ހުންނަ ވަރުބަލިކަން ފިލައި ހަކަތަ އިތުރުވާ ކަމަށް އެ މީހުން ގަބޫލު ކުރާތީ އެވެ. އަދި އެގައުމުގެ ބައެއް މީހުން ބުނަނީ ސިނގިރޭޓް ބުއިމާ ޚިލާފަށް ދުފުމުން މާ ގިނަ އެކުވެރިން ލިބޭ ކަމަށެވެ.
ރައްޔިތުން ދުފުމާ ދުރުކުރެވޭތޯ ތައިވާނުން ވަރަށް މަސައްކަތް ކުރެ އެވެ. އެގޮތުން 2014 ހަދާފައިވާ އާ ގަވައިދުގެ ދަށުން އެ ގައުމުގެ ވެރިރަށް ތައިޕޭގެ މަގުމައްޗަށް ދުފާފައި ރަތްކުޅުޖަހާ މީހުން ޖޫރިމަނާކޮށް ދުފުން ހުއްޓާލުމަށް އިރުޝާދުދިނުމަށް ހިންގާ ކްލާސްތަކަށް ދާން ޖެހެ އެވެ.
މީގެ އިތުރުން އެތައް ހާސް ހެކްޓަރެއްގައި އިންދާފައިވާ ފެންފޯއް ރުއްތައް ކަނޑާލާފައި އެތަނުގައި ސައިފަތާއި އަނބު ފަދަ ގަސްތައް އިންދުމުގެ މަސައްކަތް ދަނީކުރަމުންނެވެ. މިއީ އެ ގައުމުގެ އެކި ހިސާބުތަކަށް އެންމެ ގިނައިން ފޯއް ފޯރުކޮށްދޭ ދަނޑުތަކެކެވެ.
މީގެ އިތުރުން ދުފާއެއްޗެހި ވިއްކާ އަންހެންކުދިން ނިވާކަންކުޑަ ހެދުން އެޅުން މަނާކުރާ ގަވާއިދެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ.
އެހެން ތަންތަނުގައި ވެސް މިފަދަ ފިޔަވަޅުތައް އަޅައިގެން މާ އެދެވޭ ނަތީޖާއެއް އަދި ފެނިފައެއް ނުވެ އެވެ.
ޕަޕުއާ ނިއުގިނީގައި ފުލުހުން ރޯޑް ބްލޮކްތައް ބަހައްޓައިގެން، މަގުހިނގާ މީހުން ދުފާތޯ ބަލަމުން ދެއެވެ.
މިއަންމާގައި ސަރުކާރު އޮފީސްތަކުގައި ރަސްމީ ގަޑީގައި އެއްވެސް މުވައްޒަފަކު ދުފުން ވަނީ މަނާކޮށްފަ އެވެ. އަދި ދުފާއެއްޗެހި ވިއްކަން ތިބޭ މީހުން އެތަންތަނުން ފޮނުވާލުމުގެ ކެމްޕެއިނެއް ވެސް މިހާރު އެބަ ކުރިއަށް ގެންދެ އެވެ.
ތައިވާނުގައި، ދުފުމަކީ ރީތިކަމެއްގެ ގޮތުގައި ބެލެވިފައި ވެއެވެ. އެހެންކަމުން ސިއްހަތަށް ގެއްލުން ލިބުނަސް އެމީހުންގެ މާބޮޑު ފަރުވަލާލެއް ނެތެވެ.