28 މެއި 2016 - 18:37

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް އިނގިރޭސި ވިލާތަށް "ފިއްލެވުމަށް" ބޭރުގެ ގައުމަކުން އެހީތެރިވެ ދިން ކަމަށާއި އޭނާ ރާއްޖެ ގެނެވޭނެ މަގެއް އަދި ނުފެންނަ ކަމަށް ހޯމް މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
މަކަރާއި ހީލަތުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސްފަރުވާ އަށެވެ. އެކަމަކު އޭނާ މިހާރު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
އުމަރު ވިދާޅުވީ ނާޒިމްގެ މައްޗަށް "ފިއްލެވުމުގެ" ދައުވާ ކުރައްވާނެ ކަމަށެވެ.
ނާޒިމް އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ސަރުކާރުގެ ހުއްދައާ އެކު ކަމަށް ވާހަކަ ދެކެވެ އެވެ. އެކަމަކު އެ ތުހުމަތު ހޯމް މިނިސްޓަރު ދޮގުކުރައްވަ އެވެ.
އުމަރު ވިދާޅުވީ ނާޒިމަށް އިމިގްރޭޝަނުން ނުވަތަ އެހެން ވެސް ތަނަކުން އިތުރު ލިއުމެއް ދިންތޯ ސާފުކުރެއްވި ކަމަށެވެ. ކަރެކްޝަނަލް ސާވިސް އިން ދޫކުރި ލިއުން ފިޔަވައި އިތުރު އެއްވެސް ލިއުމެއް ނާޒިމަށް ދީފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދީފައި އޮންނާނީ ޓްރެވަލް ޑޮކިއުމެންޓެއް އެކަނި. އެހެންވީމަ އިތުރު ލިއުމެއް އޭނާ އަށް ނެތް އިމިގްރޭޝަނުން ދޫކޮށްފައި،" އުމަރު ވިދާޅުވި އެވެ.
ނާޒިމް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް އެހީތެރިވެދިނީ، ކޮން ގައުމަކުން ކަމެއް އުމަރު ވިދާޅެއް ނުވެ އެވެ.
"ތިން ވަނަ ގައުމަކުން އޭނަ އަށް ޑޮކިއުމަންޓެއް ދިން ކަމަށް ވަނީ އޭނަ ދަތުރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އޭނަ ގެނެވޭނެ ގޮތެއް ނޯންނާނެ، އެ ސަރުކާރުން އެއްބާރުލުން ނުދެންޏާ. އަދިއެއް އިނގިރޭސި ވިލާތުގެ ސަރުކާރަކުން އޮތީ އެކަމަކަށް އިޖާބަ ދޭ ގޮތަކަށް ނޫން، އިޖާބަ ނުދޭ ގޮތަކަށް ވެސް ނޫން." އުމަރު ވިދާޅުވި އެވެ.