20 ޖޫން 2019 - 12:58

ތެހެރާން (ޖޫން 20) - އީރާނުގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފި އެވެ.
އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައި ވަނީ އެމެރިކާގެ ޑްރޯން ވައްޓާލާފައި ވަނީ ދެކުނުގެ ހޯމޮޒްގަން ޕްރޮވިންސްއާ ކައިރީގައި އޮންނަ ކުހްމޮބަރާކް އިން ކަމަށެވެ. މިއީ ދުނިޔޭގައި ތެލުގެ ސަޕްލައިގެ މައި ރޫޓެއް ކަމަށްވާ ހޮރްމޫޒް ކަނޑުކޮޅިއާ ކައިރި ސަރަހައްދެކެވެ.
ނަމަވެސް އެ ގައުމުގެ އެއްވެސް ޑްރޯނަކަށް ހަމަލާއެއް އަރާފައި ނުވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. އަދި އެމެރިކާގެ އެއްވެސް އުޅަނދެއް އީރާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ޑްރޯނެއް ވައްޓާލި ކަމަށް އީރާނުން ބުނެފައި ވަނީ އިތުރު 1،000 ސިފައިން މެދުއިރުމައްޗަށް ފޮނުވަން ނިންމާފައިވާ ކަމަށް ޕެންޓަގަން އިން ބުނެފައި ވަނިކޮށެވެ.
އެމެރިކާ އިން ތުހުމަތު ކުރަނީ ގަލްފް އޮފް އޮމާންގައި މައިން ބޭނުންކޮށްގެން އީރާނުން ޓޭންކަރުތަކަށް ހަމަލާދޭ ކަމަށެވެ.
އީރާނުގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ގަވާއިދާޚިލާފަށް ވަންނަ ކޮންމެ އުޅަނދެއް ވައްޓާލާނެ ކަމަށެވެ.
"އީރާނުގެ ވައިގެ ސަރަހައްދަކީ ރަތް ރޮނގެއް. ގަވާއިދާ ޚިލާފަށް ވަންނަ ކޮންމެ އުޅަނދަކަށް ހަރުކަށިކަމާ އެކު ރައްދު ދޭނަން،" އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ އޮފިޝަލް ވިދާޅުވި އެވެ.