ސަރުކާރުގެ ރައްދު: އެއީ ވަކި ބަޔަކު ބޭނުންވާ ފިއްތުންތަކެއް ކުރިމަތިކުރުވަން ހެދި ރިޕޯޓެއް
ސަރުކާރުގެ ރައްދު: އެއީ ވަކި ބަޔަކު ބޭނުންވާ ފިއްތުންތަކެއް ކުރިމަތިކުރުވަން ހެދި ރިޕޯޓެއް

ދިވެހި ސަރުކާރަށް ނިސްބަތްކޮށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓަރީގެ ބޭނުމަކީ ސަރުކާރު ބަދުނާމްކޮށް، ވަކި ބަޔަކު ބޭނުންވާ ފިއްތުންތަކެއް ކުރިމަތިކުރުވުން ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.

ސަރުކާރުގެ ރައްދު: އެއީ ވަކި ބަޔަކު ބޭނުންވާ ފިއްތުންތަކެއް ކުރިމަތިކުރުވަން ހެދި ރިޕޯޓެއް
ސަރުކާރުގެ ރައްދު: އެއީ ވަކި ބަޔަކު ބޭނުންވާ ފިއްތުންތަކެއް ކުރިމަތިކުރުވަން ހެދި ރިޕޯޓެއް

ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި ހިޔާނާތުގެ ތުހުމަތުތަކެއް އެޅޭ ގޮތަށް ހަދާފައިވާ "ސްޓީލިން ޕެރެޑައިސް" މިއަދު އާންމުކުރުމާ އެކު ނެރުނު ބަޔާނެއްގައި ސަރުކާރުން އެ މަސައްކަތް ސިފަކޮށްފައި ވަނީ "ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނީ ހަމަތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް"ގެ ގޮތުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި "ސްޓީލިން ޕެރެޑައިސް" އާންމުކުރީ ކަން ހިނގާ ދިޔަ ގޮތް ބަލައި "މި މައްސަލާގައި ތެދު އަދި ހަމަހަމަ ޖަވާބެއް ދިނުމުގެ ފުރުސަތަކަށް އެދިފައި ވަނިކޮށެ"ވެ.

އެ ފުރުސަތު ނުދީ އެ އާންމުކުރުމަކީ "ސްޓީލިން ޕެރެޑައިސް" ރިޕޯޓަކީ ދިވެހި ސަރުކާރު ބަދުނާމުކުރުމަށާއި ސަރުކާރުގެ އިސް ވެރިންގެ ނަމާއި އަބުރަށް ގެއްލުން ދިނުމަށާއި އަދި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ރިޕޯޓެއް ކަމަށް"، ބަޔާނުގައިވެ އެވެ.

"ސްޓީލިން ޕެރެޑައިސް" އަށް ރައީސް އޮފީހުގެ ބަޔާނުގައި މުޅިން ވެސް ބޭނުންކޮށްފައި ވަނީ "ރިޕޯޓް" ނުވަތަ "ޕްރޮގްރާމް" މިހެންނެވެ.

ރައީސް އޮފީހުން ބުނީ އެ ރިޕޯޓްގައި ހިމަނާފައި ވަނީ ސަރުކާރުގެ ގާނޫނީ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރު ވައްޓާލަން މަސައްކަތްތަކެއް ކުރާ ކަން އިއުލާންކޮށްފައިވާ ބަޔަކާއި ހިޔާނާތުގެ މައްސަލާގައި ހައްޔަރުކުރަން އިންޓަ ޕޯލުން ރެޑް ނޯޓިސް ނެރެފައިވާ ބައެއްގެ އިންޓަވިއުތަކެކެވެ.

ޑޮކިއުމެންޓަރީގައި ރައީސް ޔާމީންގެ އިސްތަށިފުޅުގައި ތުހުމަތުތައް އަޅުވާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ ކައިރި، އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ސަރުކާރުން ގަބޫލުކުރާ ތިން މީހެކެވެ. އޭގެ އިތުރުން މިހާރު އިނގިރޭސި ވިލާތުގައި އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް އެ ޑޮކިއުމެންޓަރީގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ.

އެމްއެމްޕީއާރުސީގައި ހިޔާނާތުގެ އަމަލްތަކެއް ހިންގާކަން ރައީސް ޔާމީންގެ ސަމާލުކަމަށް ފުރަތަމަ ގެންނެވި އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވެސް ވަނީ އަލް ޖަޒީރާގެ ތަހުގީގަށް މައުލޫމާތު ދެއްވައިފަ އެވެ.

ރައީސް ޔާމީން ވެރިކަމުން ދުރުކޮށް އިންތިގަލީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އިދިކޮޅު އިއްތިހާދުން ކުރިންސުރެ ގެންދަނީ ބުނަމުންނެވެ. އަދި ރާއްޖޭގެ ބައެއް ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ބައިނަލްއަގުވާމީ ފަރާތްތަކަށް ބާރުއަޅަމުން ވެސް ގެންދެ އެވެ.

ސަރުކާރުގެ ބަޔާނުގައި ބުނި ގޮތުގައި އަލް ޖަޒީރާގެ ރިޕޯޓްގައި ދައްކާފައި ވަނީ ރާއްޖޭގެ މުއައްސަސާތަކުން އެމްއެމްޕީއާރުސީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކެވެ. ސަރުކާރުގެ އެދުމަށް އޮޑިޓަ ޖެނެރަލް އެކަން ބަލައި ތައްޔާރުކުރި ރިޕޯޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ޔާމީން ހުށަހެޅުއްވުމުން މިހާރު އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ހިޔާނާތުގައި ހިމެނޭ ކަމަށް ތުހުމަތުކުރާ އެކަމަކު މިހާރު ފިލައިގެން އުޅޭ ބަޔަކު "މި ޕްރޮގްރާމްގައި މައުސޫމް ބައެއްގެ ގޮތުގައި ދައްކާފައި ވާތީ އެކަމާ ސަރުކާރުން ކަންބޮޑުވާ ކަމަށް" ބަޔާނުގައި ބުނެ އެވެ.

އެހާ ބޮޑު ޖިނާއީ މައްސަލައެއްގެ ތަހުގީގު ހިންގަމުން ދަނިކޮށް އަލް ޖަޒީރާ އިން "މިފަދަ ޕްރޮގްރާމެއް އާންމުކުރުމަކީ މި ތަހުގީގަށް ހުރަސްތަކެއް އެޅުން އެކަށީގެންވާ ކަމަކަށް ވާތީ" ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން ސަރުކާރުން އެދިފައި ވަނީ އަލް ޖަޒީރާ އަށް ލިބިފައިވާ ހުރިހާ ހެއްކަކާއި ގަރީނާއެއް ދިވެހި ފުލުހުންނަށާއި އޭސީސީ އަށް ހުށަހެޅުމަށެވެ.

ސަރުކާރުން އެގޮތަށް އެދުނު އިރު އަލް ޖަޒީރާގެ ވެބްސައިޓްގައި، "ސްޓީލިން ޕެރަޑައިސް" ހަދަން ލިބުނު ހުރިހާ ލިއުންތަކެއް ވަނީ އާންމުކޮށްފަ އެވެ.