އަލީ ސައީދު ވަކިކުރީ ޖިންސީ ފުރައްސާރަކުރިކަމަށް ސާބިތުވުމުން: ފެމިލީ ކޯޓު
އަލީ ސައީދު ވަކިކުރީ ޖިންސީ ފުރައްސާރަކުރިކަމަށް ސާބިތުވުމުން: ފެމިލީ ކޯޓު

ފެމިލީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމުން އަލީ ސައީދު ވަކިކުރީ، އޭނާއާ ދެކޮޅަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވުމުން ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅީ އެ އޮފީހުގެ މުވައްޒަފެއްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ފެށުމުން، އެ މުވައްޒަފުކަން ވަނީ އެނގިފަ އެވެ.

އެ މައްސަލައާ ގުޅިގެން ފެމިލީ ކޯޓުން ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަންގާރަ ދުވަހު އަލީ ސައީދު ވަޒީފާއިން ވަކިކުރީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ރިއާޔަތްކޮށް އެ ގަވާއިދުގެ ދަށުން ކަމަށެވެ. އަދި އޭނާ ވަކިކުރީ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ ޝަކުވާއެއް ނުވަތަ މައްސަލައަކާ ގުޅިގެން ނޫން ކަމަށް ބުންޏެވެ.

އަލީ ސައީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށްބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ މަހުގެ ދެ ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ފޮނުވާފައިވާ ކަމަށާއި އޭނާ ވަޒީފާ އިން ވަކިކުރީ ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ހުށަހަޅާފައިވާ މައްސަލަ، ޑީޖޭއޭގެ ތަހުގީގަށްފަހު އެ މައްސަލަ ސާބިތުވާކަމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ނިންމާފައިވާތީ ކަމަށް ވެސް ބުންޏެވެ.

"އަލީ ސައީދު ވަޒީފާ އިން ވަކިކޮށްފައިވަނީ އޭނާ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ ޝަކުވާއެއް ނުވަތަ މައްސަލައަކާ ގުޅިގެން ނޫންކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ހުޒައިފާ އަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓުގައި އުފައްދާފައި އިންނަ ކޮމެޓީގެ ޗެއާމަނެވެ. އޭނާއަކީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެމްބަރެވެ.

ވަކިކުރި މުވައްޒަފަކީ ސުލޫކީ މައްސަލަތަކެއް ބަލާތީ މިހާރު ސަސްޕެންޑްކޮށްފައިވާ، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ އަރިސް މުވައްޒަފެކެވެ.