21 ޖޫން 2019 - 08:12

ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމު "ލާލު ސިންގް ޗައްޑާ" ގައި އާމިރު ހާނާ އެކު ބަތަލާގެ ރޯލުން ކަރީނާ ކަޕޫރް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ އޮކްޓޯބަރުގައި ޝޫޓިން ފަށާ ފިލްމުގެ ބަތަލާގެ ރޯލް ކަރީނާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ފިލްމަށް އޭނާ ސޮއިކުރިކަން އަދި ކަށަވަރެއް ނޫނެވެ.
ކަރީނާ ކުރިން ވަނީ އާމިރާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2009 ގެ "3 އިޑިއަޓްސް" އާއި 2012 ގެ "ތަލާޝް" ގަ އެވެ.
"ލާލު ސިންގް ޗައްޑާ" އަށް ކަރީނާ އެއްބަސްވެއްޖެ ނަމަ އޭނާ ފެނިގެން ދާނީ އޮރިޖިނަލް ފިލްމުގައި ސެލީ ފީލްޑް ކުޅުނު ފޮރެސްޓް ގަމްޕްގެ އަންހެނުންގެ ރޯލުންނެވެ.
"ލާލު ސިންގް ޗައްޑާ" ކަރީނާ އަށް ހުށަހެޅި އިރު، މި ވަގުތު އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ޑިސެމްބަރު 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" އާއި އަންނަ އަހަރު ރިލީޒް ކުރާ "އަނގްރޭޒީ މީޑިއަމް" ގެ އިތުރުން ކަރަން ޖޯހަރުގެ "ތަހުތު" އެވެ.
އާމިރު ކުރު ރޯލެއް ކުޅުނު 2017 ގެ ފިލްމު "ސީކްރެޓް ސްޕަސްޓާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަން ޑައިރެކްޓް ކުރާ "ލާލު ސިންގް ޗައްޑާ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ.