21 ޖޫން 2019 - 09:45

އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީގެ ވެބް ސީރީޒެއްގެ މަންޒަރުތަކެއް މުމްބާއީގެ މީރާ ރޯޑްގައި ނަގަނިކޮށް ގްރޫޕެއްގެ ބަޔަކު ބުދަ ދުވަހު ސެޓަށް ވަދެ، ކްރޫ އާއި ބައެއް ކާސްޓުންނަށް ވެސް ގެއްލުން ދީފައި ފިލައިފި އެވެ.
މި ހާދިސާއާ ބެހޭ ގޮތުން ވެބް ސީރީޒް "ފިކްޒާ" ގެ ޓީމުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ. ވީޑިއޯ ހިއްސާކުރި މީހުންގެ ތެރޭގައި އޭގެ ތެރޭގައި އޭގެ ބަތަލާ މާހީ ގިލްއާ އެކު "ދޭވް ޑީ" އާއި "ސާހިބް ބީވީ އޯރް ގޭންގްސްޓާ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ޓިގްމާންޝޫ ދޫލިއާ ހިމެނެ އެވެ.
މީޑިއާތަކުން ބުނީ "ޕިކްޒާ" ގެ ޓީމަށް ބަޔަކު ހަމަލާ ދިނީ މީރާ ރޯޑްގެ ފެކްޓްރީއެއްގައި ނަގަން ޖެހޭ މަންޒަރުތަކެއް ޝޫޓް ކުރަން އުޅެނިކޮށް، ބުދަ ދުވަހު ހަވީރު 4:30 ހާއިރު ކަމަށެވެ.
މި ހާދިސާގައި ބަތަލާގެ މާހީ އާއި ސެޓްގައި އުޅުނު އެހެން ބައެއް އަންހެނުންގެ ގަޔަށް ވެސް އަތްލައި، ހަޑިހުތުރު ބަހުރުވަ އިން ހަޅޭއްލަވައި ކްރޫނަށް އެކި ވަރުގެ އަނިޔާކޮށް ސެޓްގައި ހުރި ބައެއް ތަކެތި ވެސް ގްރޫޕުން ގެންގޮސްފައިވެ އެވެ.
"ފިކްޒާ" ގެ ޓީމުން ބުނި ގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރުމުން، ސަރަހައްދަށް ދިޔަ ފުލުހުން ވަނީ ހަމަލާ ދިން މީހުންނަށް އެއްބާރުލުން ދީ އެ މީހުން ފިލަން ފުރުސަތު ވެސް ފަހިކޮށް ދީފަ އެވެ.
"ފިކްޒާ" އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން 2005 ގައި ގެނެސް ދިން ފިލްމު "ކާލް" ގެ ޑައިރެކްޓަރު ސޯހަމް ޝާހް ހަދާ ވެބް ސީރީޒެކެވެ.
އޭގެ ޓީމުން ބުނީ މީރާ ރޯޑްގައި ޝޫޓިން ކުރިއަށް ގެންދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދައެއް ވެސް ނަގައިގެން ކަމަށާއި ޝޫޓް ކުރާ ތަނަށް ވެސް ދައްކަން ޖެހޭ ހުރިހާ ފީއެއް ވެސް ދައްކާފައި ކަމަށެވެ. އެހެންވެ "ގުންޑާއިންތަކެއް" ޓީމަށް ހަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.