22 ޖޫން 2019 - 07:07

އަންނަ އަހަރު ސްކްރީނަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ އެސްއެސް ރާޖަލޯމީގެ އާ ފިލްމު "އާރްއާރްއާރް" އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދެއްކުމުގެ ރައިޓްސް 70 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) އަށް ވިއްކާލައިފި އެވެ.
ޑެކަން ކްރޮނިކަލް އިން ބުނި ގޮތުގައި ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ފިލްމުތައް ގެނެސް ދިން ރާޖަމޯލީގެ އާ ފިލްމުގެ އޯވަސީސް ތިއޭޓްރިކަލް ރައިޓްސް ވިއްކައިލީ ޕާސް ފިލްމްސްއަށެވެ.
އެ ނޫހުން ބުނި ގޮތުގައި އުފެއްދުމުގެ މަރުހަލާގައި އޮތް ފިލްމަށް، ރިލީޒް ކުރުމުގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ބޮޑެތި ހުށަހެޅުންތަކެއް ލިބުމަކީ "އާރްއާރްއާރް" ރެކޯޑް އާމްދަނީއެއް ފިލްމުގެ ވިޔަފާރި އެކި ގޮތްގޮތުން ކޮށްގެން ހޯދާނެ ކަމުގެ ހެއްކެވެ. މި ފިލްމަކީ ޖުމްލަ 300 ކްރޯޑް ރުޕީސް (43 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެވެ.
އިންޑިއާގެ ސައުތުގެ ތަރިންނާއި ބޮލީވުޑްގެ ތަރިންގެ މަސްހުނި ކާސްޓަކާ އެކު ގެނެސްދޭ "އާރްއާރްއާރް" ގެ ޝޫޓިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ފަހު، ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މިހާރު ވަނީ ނިންމާލައިފަ އެވެ. އަދި ދެވަނަ ޝެޑިއުލަށް ރާޖަމޯލީ އާއި ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ފިލްމުގެ ލީޑް ބަތަލުންނަކީ ސައުތުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ބަތަލާއަކީ ބޮލީވުޑްގެ އާލިއާ ބަޓެވެ. އަދި ފިލްމުގެ ހާއްސަ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެ އެވެ.
"އާރްއާރްއާރް" އަކީ 1920 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ހަނގުރާމަ ފިލްމެކެވެ. އަދި މި ފިލްމުވެގެން ދާނީ އެންމެ ބޮޑު ހަރަދެއްކޮށްގެން އިންޑިއާގެ ފިލްމަކުން މިހާތަނަށް ގެނެސް ދޭނެ އެންމެ ވަރުގަދަ ހަނގުރާމައިގެ މަންޒަރުތައް ވެސް ފެންނާނެ ފިލްމަށް ވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
"އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ ޖުލައި 30، 2020 ގަ އެވެ.