08 ސެޕްޓެމްބަރ 2016 - 06:25

އަމީތާބް ބައްޗަން މިދުވަސްވަރު އުޅެނީ "ޕިންކް" ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ. ޝޫޖިތު ސިރްކާރްގެ މިފިލްމަކީ އަންހެނުން ބާރުވެރިކުރުވުމަށް ވަރަށް ބާރުއަޅާ މައުލޫއަކަށް ކުޅެފައިވާ ފިލްމެއް ކަމަށް އަމީތާބު ބުނެފައިވެ އެވެ. ޕްރޮމޯޝަންގެ މަސައްކަތުގައި އުޅެމުން، އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައި ވަނީ "ޕީކޫ"ގެ ކޯ-ސްޓާ ދީޕިކާ ޕަދުކޯން އަށް "ޕީކޫ" ކުޅުމަށް އަމީތާބަށް ވުރެ ގިނަ ފައިސާ ދީފައިވާ ކަމަށެވެ.
"ކޮންމެވެސް ހާލަތެއް މެދުވެރިވެގެން ދިމާވި ކަމަކަށް ވެސް ވެދާނެ. އަހަންނަށް އެނގެނީ އެންމެ ކަމެއް. އެއީ "ޕީކޫ" ކުޅުމަށް އަހަންނަށް ދިންވަރަށް ވުރެ ދީޕިކާ އަށް މާ ގިނަ ފައިސާ ދިންކަން. އެކަމުން ދެ ކަމެއް ހާމަވޭ. އެއްކަމަކީ އަހަންނަށްވުރެ ފިލްމަށް ހަމަ ޔަގީނުން ވެސް އޭނާ މާ މުހިއްމުކަން. ދެ ވަނަ ކަމަކީ އަހަރެން ގިނަ ޒަމާންވަންދެން ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ސަބަބުން އަގު ދަށަށް ދަނީ ކަން. ފަހަރެއްގައި ވެދާނެ އަހަންނަކީ މާ މުހިއްމު މީހަކަށް ނުވަނީކަމަށް،" އަމީތާބު ބުނެފައިވެ އެވެ.
"ޕީކޫ" އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުނު ޝޫޖިތު ސިރްކާރް އަމީތާބުގެ ވާހަކަތަކާ ގުޅިގެން ބުނި ގޮތުގައި އަމީތާބަށް ވުރެ ގިނައިން ދީޕިކާ އަށް ފައިސާ ދިނުމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. އަންހެނެއްގެ ކެރެކްޓާ ފިލްމަށް އެހާ މުހިއްމު ނަމަ އެފިލްމެއްގެ ބަތަލާއަކަށް ގިނައިން ދޭންޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ގިނަ މީހުން އަހަރެން ކައިރީ އަހާ "ޕީކޫ" އަކީ އަންހެނުންގެ ދައުރު ބޮޑު ފިލްމެއް ހޭ. އަހަރެން ބުނާ ވާހަކައަކީ އަންހެނެއްގެ ރޯލު ވަރުގަދަ ފިލްމެއް ނަމަ އެ ވާނީ އަންހެނުންނަށް ޚާއްސަ ފިލްމަކަށޭ. ވަރަށް ގިނަ ފިލްމުތަކަކީ ބަތަލުންނަށް ބޮޑުބައި ޚާއްސަކޮށްފައި ހުންނަ ފިލްމުތައް. އެހެންވީމާ އެއީ ފިރިހެނުންނަށް ޚާއްސަ ފިލްމޭ ކިއިދާނެ،" ޝޫޖިތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސިނަމާ އަކީ ފިލްމަކީ އަދި ވާހަކަ އަކީ އެއެވެ. އަދި "ޕީކޫ"ގެ ހީރޯ އަކީ ދީޕިކާ އޭ ބުނެވިދާނެ އެވެ.
ބޮލީވުޑްގައި ބަތަލާއިންނަށް ބަތަލުންނެކޭ އެއް ވަރަށް ފައިސާ ދިނުމަށް އަމީތާބު ތާއީދު ކުރެ އެވެ.
އަމީތާބާއި ދީޕިކާގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އޮތް ކަމަށް ބުނެ ދާދިފަހުން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވިޔަސް އެއީ ހަގީގަތެއް ނޫންކަން އަމީތާބުގެ ވާހަކަތަކުން ހާމަވެ އެވެ. މި ވާހަކަތައް އެންމެ ގަދަޔަށް ދެކެވުނީ "ޕީކޫ"ގެ ކާމިޔާބީ ފާހަގަކުރުމަށް ދީޕިކާ ބޭއްވި ޕާޓީއަކަށް އަމީތާބަށް ދައުވަތު ނުދިނުމުންނެވެ. ނަމަވެސް ދީޕިކާ ފަހުން ވަނީ އަމީތާބަށް ދައުވަތު ނުދެވުނީ އެރި އޮޅުމަކުން ކަމަށް ބުނެ އަމީތާބުގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.
ފޯބްސް މަޖައްލާއިން ނެރުނު ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓުގެ 10 ވަނަ ދީޕިކާއަށް މިފަހަރު ލިބިފައިވެ އެވެ. އެއީ އޭނާއާ އެންމެ ވާދަކުރާ ޕްރިޔަންކާ ޗޯޕްރާ ވެސް ފަހަތަށް ޖައްސާލާފަ އެވެ.