20 ޖޫން 2019 - 09:24

މިލާން (ޖޫން 20) – އިޓަލީގެ އޭސީ މިލާނުގެ އާ ކޯޗަކަށް ސަމްޕްޑޯރިއާގެ ކުރީގެ ކޯޗު ސްވިޒަލެންޑުގެ މާކޯ ޖިއަމްޕައޮލޯ ހަމަޖައްސައިފި އެވެ.
އޭނާ އަހަރަކު 2.2 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ހަވާލުވި ނަމަވެސް ތިން ވަނަ އަހަރަކަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މިލާނުން އާ ކޯޗެއް ހޯދީ މިދިޔަ ދޮޅު އަހަރު ކޯޗުކޮށްދިން ކުރީގެ ކުޅުންތެރިޔާ ޖެނާރޫ ގަޓޫސޯގެ ކޮންޓްރެކްޓް ދެ ފަރާތް އެއްބަސްވެގެން އުވާލުމުންނެވެ. ގަޓޫސޯއާ އެކު މިދިޔަ ސީޒަނުގައި ކުރިއެރުންތަކެއް ހޯދި ނަމަވެސް، ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން އެންމެ މުހިއްމު އަމާޒަށް ވާސިލްނުވީ އެވެ. މިލާން ސީޒަން ނިންމާނީ ފަސް ވަނައިގަ އެވެ.
އިޓާލިއަން ލީގުގައި ގިނަ ތަޖުރިބާތަކެއްކޮށްފައިވާ ޖިއަމްޕައޮލޯ އަކީ ކާމިޔާބު ކޯޗެއް ނޫނެވެ. އެކަމަކު އޭނާ އަކީ ކުޅުމުގެ ހާއްސަ ސްޓައިލެއް ގެންއުޅޭ އަދި ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ތަފާތު ދައްކާފައިވާ ކޯޗެކެވެ.
ިއަމްޕައޮލޯ އަކީ މިލާނުގެ އާ ޓެކްނިކަލް ޑިރެކްޓަރު އަދި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީގެ ހޮވުމެވެ. މަލްޑިނީގެ ދަށުން މަސައްކަތްކުރަން ގެނެސްފައިވަނީ ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި މިލާނުގެ ކުރީގެ ކުޅުންތެރިޔާ ވޮނިމިރް ބޮބާން އެވެ. އޭނާ އަދާކުރާނީ ޗީފް ފުޓްބޯލް އޮފިސަރުގެ މަގާމެވެ.
ކްލަބުގެ އާމްދަނީ އަށް ވުރެ ބޮޑު ހަރަދުތަކެއްކޮށްފައިވާތީ ޔުއެފާގެ ފައިނޭންޝިއަން ފެއާޕްލޭގެ މައްސަލަތަކެއް މިލާނަށް ދިމާވެފައިވާތީ އެ ކްލަބުގެ ވިސްނުން ހުރީ ޒުވާން ކުޅުންތެރިންނާ އެކު ހަރަދުކުޑަ ޓީމެއް ބިނާކުރާށެވެ. އަދި ފައިސާ ހޯދުމަށްޓަކައި މުހިއްމު ބައެއް ކުޅުންތެރިން ވިއްކާލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިލާނުން އަންނަނީ، ޔުއެފާއާ މަޝްވަރާކޮށްގެން، ފައިނޭންޝިއަލް ފެއާޕްލޭގެ އަދަބެއްގެ ގޮތުން އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގައި ވާދަނުކުރަން ވިސްނަމުންނެވެ. އޭރުން ކްލަބުގެ މާލީ ކަންކަން ރަނގަޅުކުރަން އިތުރު މުއްދަތެއް ލިބޭނެ އެވެ.
ކާމިޔާބު ދުވަސްތަކަށް ފަހު މިލާން އަޑިއަޅާލީ ކްލަބުގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީ ކްލަބަށް ހޭދަކުރެއްވުން ހުއްޓާލެއްވުމުންނެވެ. އޭނާ 2016 ވަނަ އަހަރު ޗައިނާގެ އިންވެސްޓަރަކަށް މިލާން ވިއްކާލެއްވި އެވެ. އެކަމަކު އެ ކްލަބް ގަތުމަށް އިންވެސްޓަރުން، އެމެރިކާގެ އެލިއޮޓުން ނެގި ލޯން އަނބުރާ ދެއްކޭ ގޮތް ނުވުމުން އެލިއޮޓުން މިލާނާ ހަވާލުވީ އެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރު ސީއީއޯ އަކަށް ގަޒިޑިސް ގެނެސް އާ ޕްރޮޖެކްޓެއް ފަށައިފަ އެވެ.