07 ސެޕްޓެމްބަރ 2016 - 21:42

އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު 50،000 ޑޮލަރު (769،500 ރުފިޔާ) ދެއްވި ކަމަށް އަލް ޖަޒީރާ އިން ކުރި ތުހުމަތު އެ ދެ ބޭފުޅުން ވެސް ދޮގުކުރައްވައިފި އެވެ.
އަލް ޖަޒީރާގެ ސައިޓްގައި އާންމުކުރި ރިޕޯޓަށް ފަހު މައުމޫން ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސިޔާސީ އެއްވެސް ޕާޓީއަކާ ގުޅެން/ސަޕޯޓްކުރަން ފައިސާ އަށް އެދި ނުވަތަ ލިބިފައިވާ ވެސް ނުވާނެ" ކަމަށެވެ. އަދި "މިއާ ހިލާފަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް" ކަމަށް ވެސް ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ނެރުނު ޑޮކިއުމެންޓްރީއާ އެކު ޝާއިއުކުރި ރިޕޯޓެއްގައި ބުނި ގޮތުގައި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫނާއި ނަޝީދު ގެންދަވަނީ އިއްތިހާދެއް ހައްދަވަން މަޝްވަރާ ކުރައްވަމުންނެވެ. އެ މަޝްވަރާތަކުގައި ނަޝީދުގެ "ނިޔަތް ރަނގަޅުކަން ހާމަކުރެއްވުމަށް" 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ދެއްވަން މައުމޫން މި އަހަރުގެ ކުރީކޮޅުު އެދިވަޑައިގަތް ކަމަށް ރިޕޯޓުގައި ބުންޏެވެ.
އިތުބާރު ހުރި ފަރާތްތަކަކާ ހަވާލާ ދީ އަލް ޖަޒީރާ އިން ބުނި ގޮތުގައި މައުމޫން އެދިވަޑައިގަތް އަދަދުގެ އެއް ބައި ކަމަށްވާ 50،000 ޑޮލަރު ނަޝީދު ވަނީ މައުމޫނަށް ދެއްވާފަ އެވެ.
އެކަމަކު، އެކަން ނަޝީދު ދޮގުކުރައްވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
މައުމޫނާއި ނަޝީދާ ދެމެދު މަޝްވަރާތައް ކުރިއަށް ދާ ކަމަށް އަލް ޖަޒީރާ އިން މި ބުނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށް، ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
އިންޑިއަން އެކްސްޕްރެސް ނޫހަށް ނަޝީދު ވިދާޅުވީ މައުމޫން ވެސް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށެވެ.
އެ ވާހަކަތައް މައުމޫނާއި ޕީޕީއެމުން ވެސް ސީދާ ދޮގުކޮށްފައެއް ނުވެ އެވެ. އެކަމަކު ޕީޕީއެމުން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް މައުމޫން ނުކުރައްވާނެ ކަމަށެވެ. އަދި މައުމޫން ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދިވަޑައިގެންފައި ވަނީ ވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން އަދީބު ވަގަށް ނެންގެވި ފައިސާގެ ތެރެއިން "ބޮޑެތި އަދަދުތަކުން" މައުމޫންގެ ދެ ދަރިކަލުން ކަމަށްވާ، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ގައްސާން މައުމޫނަށާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވި ކަމަށް ވެސް އަލް ޖަޒީރާ އިން ތުހުމަތުކުރެ އެވެ. އެކަމަކު، އަދީބުގެ ފޯނުތަކުން ލިބުނު ކަމަށް ބުނާ މެސެޖުތަކާ ހަވާލާ ދީ ކޮށްފައިވާ އެ ތުހުމަތުތަކުގެ މާ ބޮޑު ތަފްސީލެއް ނެތެވެ.
މިއިން އެއްވެސް ތުހުމަތަކާ ގުޅޭ ގޮތުން ފާރިސް އާއި ގައްސާނުގެ ބަހެއް އަދި ނުލިބެ އެވެ.
އަލް ޖަޒީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި ހުރި މައުމޫނާއި އެމަނިކުފާނުގެ އާއިލާއާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތައް ޑޮކިއުމެންޓްރީއަކު ނެތެވެ. "ސްޓީލިން ޕެރެޑައިސް"ގެ ނަން ދީފައިވާ ޑޮކިއުމެންޓްރީގައި ހަމައެކަނި ބުނެފައިވަނީ ރާއްޖެ މެދުވެރިކޮށް ހިންގަން އުޅުނު ކަމަށް ބުނާ މަނީ ލޯންޑްރިން ސްކީމެއްގައި ގައްސާނު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، އެކަމުގައި ވެސް އޭނާގެ ބައިވެރިވުން އޮތް މިންވަރު ހާމަކޮށްފައެއް ނުވެ އެވެ.
އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ގޮތުން، ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށާއި ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ. އަދި އަދީބު އިސްކޮށް ހުންނަވައި 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިން ސްކީމެއް ބޭރުގެ ވިޔަފާރިވެރިންތަކަކާ ގުޅިވަޑައިގެން ހިންގަވަން އުޅުއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އެކަމަކު، ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.